އދ .ދަނގެތި ފަޅުގައި އޮތް ސަފާރީއަކުން މޫދަށް ފޭބި ޒުވާނަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
ހަބަރު ލިބިފައިވާ ގޮތުގައި ދަނގެތީ ފަޅުގައި އަޅާފައި އޮތް "ބްލޫ ފޯސް 1" ނަމަކަށް ކިއާ ސަފާރީއަކުން އިއްޔެ މޫދަށް ފޭބި ދިވެހި ޒުވާނެއްގެ ޚަބަރެއް ނުވެގެން ހޯދި އިރު މޫދު އަޑިން ނިޔާވެފައި އޮއްވައި ވަނީ ފެނިއެވެ.
ފުލުހުން ބުނީ ނިޔާވެފައި އޮއްވައި ފެނުނީ އުމުރުން 32 އަހަރުގެ މުމްތާޒް ހުސައިން ކަމަށެވެ. އެއީ ރ. އިނގުރައިދޫ މީހެކެވެ.
ފުލުހުން ބުނި ގޮތުގައި މުމްތާޒް ގެއްލިގެން ހޯދަނިކޮށް ފެނިފައިވަނީ ސަފާރީއާ ދިމާލު މޫދު އަޑީގައި އޮއްވަ އެވެ. އަދި އޭނާ ނެގި އިރު ވެސް ހަރަކާތެއް ނެތް ކަމަށް ބުނެފައިވެއެވެ.
ފުލުހުން މީޑިއާ އަށް ފޮނުވި މެސެޖެއްގައި ވާ ގޮތުން މުމްތާޒް ގެ ހަށިގަނޑު ދަނގެތީ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށެވެ.
މުމްތާޒް ނިޔާވި ހާދިސާ ހިނގަން މެދުވެރި ސަބަބާއި މި ކަމާ ބެހޭ ގޮތުން ބަލަންޖެހޭ އިތުރު ކަންކަންބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.






