ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ ނައިބު ރައީސްގެ މަގާމަށް ފުރަތަމަ ފަހަރަށް އަންހެން ކަނބަލަކު އިންތިހާބު ކޮއްފިއެވެ.
އަމާނީ މި މަގާމަށް އިންތިހާބުކޮއްފައިވަނީ ރަތަފަންދޫގެ ހުރިހާ ކައުންސިލް މެންބަރުން ބައިވެރިވެ އިއްޔެ ބޭއްވުނު ކައުންސިލްގެ 4 ވަނަ ދައުރުގެ 4 ވަނަ ޖަލްސާގައި ރަތަފަންދޫ ކައުންސިލުގެ ނައިބު ރައީސް ހޮވުމަށް ނެގި ސިއްރު ވޯޓު ކާމިޔާބުކޮށްގެންނެވެ.
މި މަގާމަށް އައްޔަނު ކުރެވިފައި މި ވަނީ ކައުންސިލްގެ މެމްބަރު އަމާނީ މުއީން އެވެ. އަމާނީއަކީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ޓިކެޓުގައި ކައުންސިލް އިންތިޚާބުގައި ވާދަކޮށް ހޮވިފައިވާ ކަނބަލެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަމާނީ މުއީން ނައިބު ރައީސާގެ މަޤާމަށް ކުރިއަށް އޮތް 05 އަހަރުގެ ދައުރުގެ މަސްއޫލިއްޔަތުތަކާއި ހަވާލުވެ ވަޑައިގަންނަވާނީ މިއަދުގެ ވަގުތެއްގައެވެ.
ރަތަފަންދޫގައި ނިމިދިޔަ އިންތިހާބު ކާމިޔާބުކޮށް ކައުންސިލް ގެ މަގާމު ހާސިލްކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ އެމްޑީޕީ އިން ހޮވުނު ފިރިހެން މެމްބަރަކާއި އަމިއްލަގޮތުން ހޮވުނު ފިރިހެން މެމްބަރަކާއި ޕީޕީއެމް އަށް ނިސްބަތްވާ އަންހެން މެމްބަރެކެވެ.އަދި ކައުންސިލްގެ ރައީސް އަދި އަތޮޅު ކައުންސިލްގެ މެމްބަރަކީ އެމްޑީޕީ އިން ވާދަކުރެއްވާ ހޮވިވަޑައިގެން ބޭފުޅެކެވެ.
ރަތަފަންދޫގައި ނައިބްރައީސަކު ހޮވުން މިހާ ލަސްވެގެން ގޮސްފައި މިވަނީ އެކައުންސިލްގެ ރައީސް ކަރަންޓީނުގައި ހުރުމުގެ ސަބަބުންނެވެ.






