ނަފްރަތުގެ ބިލް ބަލައިގަތުމާ ދެކޮޅަށް ފުވައްމުލަކު ސިޓީ އަށް ނިސްބަތްވާ ހުރިހާ މެންބަރުން ވޯޓު ދެއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގައި މި ބިލް ބަލައިގަތުމާ މެދު ވޯޓަށް ހުޅުވާލުމުން ބިލް ބަލައިގަތުމާ ދެކޮޅަށް ވޯޓު ދެއްވާފައިވާ މެންބަރުންނަކީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދާއި، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ އާއި، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒު އެވެ. އަދި މީގެ އިތުރުން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ވެސް މި ބިލް ބަލައިގަތުމާ ދެކޮޅަށް ވޯޓު ދެއްވައި ބިލް އަނބުރާ ގެންދިއުމަށް ވަނީ މަޖިލީހުގައި ގޮވާލައްވާފައެވެ.
މިއަދުގެ ޖަލްސާގައި ބިލް ބަލައިގަތުމަށް ވޯޓު ދެއްވީ 38 މެންބަރުންނެވެ. އަދި ބިލް ބަލައިގަތުމާ ދެކޮޅަށް 17 މެންބަރުން ވޯޓު ދެއްވާފައިވެ އެވެ.
ފުވައްމުލަކު ދާއިރާގެ މެމްބަރުން ހާމަ ކޮށްފައިވާ ގޮތުގައި ބިލާ ދެކޮޅަށް ވޯޓު ދެއްވި ސަބަބަކީ ބިލްގެ ބައެއް މާއްދާތައް އިބާރާތްކޮށްފައި ހުރި ގޮތުން ގާނޫނު އަސާސީގައި ކަށަވަރުކޮށްދީފައިވާ ހިޔާލުފާޅުކުރުމުގެ ހައްގަށް ހުރަސް އެޅޭ ކަމަށް ގަބޫލުކުރައްވާތީ އެވެ.
"ހާއްސަކޮށް ބިލްގެ ފުރަތަމަ ދެ މާއްދާ އޮތް ގޮތުން ހިޔާލުފާޅުކޮށްގެން ޖިނާއީ ދައުވާއެއް ކޮށް އަދަބެއް ދެވޭ ގޮތަށް އޮތުމަކީ ކަންބޮޑުވާ ކަމަކަށް ވާތީ ބިލް ބަލައިގަތުމާ ދެކޮޅަށް ވޯޓު ދިނީ،" ހުސައިން ވިދާޅުވި އެވެ.
ނަފްރަތު ގެ ބިލް ފާސްކުރުމާ މެދު ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން ރާއްޖޭގެ ގިނަ ކައުންސިލް އިދާރާތަކުން ވަނީ ބަޔާނެއް ނެރެފަ އެވެ.






