އައްޑޫ ސިޓީ ހިތަދޫ އިން އިތުރު 7 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އައްޑޫ ހޮސްޕިޓަލުން ބުނީ މި 7 ކޭސް ވެސް ފެނިފައިވަނީ ހިތަދޫ އިން ކަމަށެވެ. އެގޮތުން އެ ކޭސްތަކުގެ ތެރެއިން 5 ފަރާތަކީ ޕޮޒިޓިވްވި މީހުންގެ ޑައިރެކްޓް ކޮންޓެކްޓުން ކަމަށްވާއިރު ދެން ޕޮޒިޓިވް ވެފައިވަނީ ރެންޑަމް ސާމްޕަލަކާއި ފްލޫ ކްލިނިކަށް ދެއްކި މީހެކެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 5 ދިވެހިންނާއި 2 ބިދޭސީންނެވެ.
އައްޑޫގައި ކޮވިޑްގެ ހާލަތު އޮތް ގޮތަށް ބަލާއިރު ހިތަދޫގައި މިވަގުތު ކޮވިޑްގެ 83 އެކްޓިވް ކޭސް އުޅޭއިރު، ފޭދޫގައި އެއް ކޭސް، މަރަދޫގައި 2 ކޭސް އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. އެއާއެކު އައްޑޫގައި ކޮވިޑްގެ 86 އެކްޓިވް ކޭސް މިހާރު އެބަ އުޅެއެވެ.
އަދި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު އިތުރު ތިން މީހުން ރަނގަޅުވެ، އަދަދު ވަނީ 301 އަށް އަރާފައެވެ. ކޮވިޑް ފެސިލިޓީގައި މިވަގުތު އެކަކަށް ފަރުވާ ދެމުންދާއިރު މި ބަލީގައި ދެ މީހަކު ވަނީ އައްޑޫ އިން ނިޔާވެފައެވެ.






