އައްޑޫ ސިޓީ މަރަދޫގައި އަންހެނަކު ގެއިން ބޭރަށް ނުދެވޭ ގޮތަށް ގެންގުޅޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން މީޑިއާތަކަށް މައުލުމާތު ދެމުން ވިދާޅުވީ މަރަދޫގައި އަންހެނަކު ބޭރަށް ނުދެވޭ ގޮތަށް ގަދަކަމުން ގެއެއްގައި ގެންގުޅޭ ކަމަށް ބުނެ ސޯޝަލް މީޑީއާގައި ދައުރުވަމުންދާ މައުލޫމާތުތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ޖެންޑާ މިނިސްޓްރީ އާއި ގުޅިގެން ބަލަމުންދާ ކަމަށެވެ.
މިޝްފާ ނަމަކަށް ކިޔާ 26 އަހަރުގެ އެ ޒުވާނާ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޭނާގެ މައިންބަފައިން ގަދަކަމުން ގޭގައި އޭނާ ގޭގައި ބަންދުކޮށްގެން ގެންގުޅެމުންދާ ކަމަށާއި ގެއިން ބޭރަށް ދިޔުމަށް މައިންބަފައިން ހުއްދަ ވެސް ނުދޭ ކަމަށެވެ.
އެގޮތުން މުޅި ގޭތެރޭގައި ސެކިއުރިޓީ ކެމެރާ ހަރުކޮށްފައި ހުންނަ ކަމަށާއި އިލެކްޓްރޯނިކް ދޮރެއް ހަރުކޮށް އޭގެ ތަޅުދަނޑިވެސް އޭނާއަށް ނުދޭކަމަށް އެ ޕޯސްޓުގައި އޭނާ ބުނެފައިވެއެވެ. އަދި ގެއިން ބޭރަށް ދެވޭ މަދު ފަހަރު ތަކުގައި ދެވެނީވެސް މައިންބަފައިންނާއ އެކުގައި އެކަނިކަމަށް ބުނެފައިވެއެވެ.
އަދި 2016 ވަނަ އަހަރު ފިލައިގެން މާލެއަށް ދިޔައީ މީހަކާއި ކައިވެނި ކުރުމަށް ކަމަށާއި ނަމަވެސް ސީރިޔާ އަށް އޭނާ ދާން އުޅޭ ކަމަށް ބުނެ އާއިލާއިން ފުލުހުންނަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށްވެސް ބުނެފައިވެއެވެ. އެގޮތުން ފިލައިގެން މާލެ ދިޔައިރު ޕާސްޕޯޓު ވެސް ނުގެންދާ ކަމަށާއި ފުލުހުންނަށް އޭނާ ސީރިޔާ އަށް ދާން އުޅޭކަމުގެ އެއްވެސް ހެއްކެއް ފެނިފައި ނުވާ ކަމަށްވެސް މިޝްފާގެ ޕޯސްޓުގައި ބުނެފައިވެއެވެ.






