Close

ހިސާން ސްޕޮންސާރ ކުރެއްވި ބިލްގައި އިސްލާހު ކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި: އިސްލާމިކް މިނިސްޓަރު

މުސްލިމަކު ކާފަރު ކުރުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅާ ގޮތަށް ގާނޫނުލްއުގޫބާތަށް ބަދަލު ގެންނަ ބިލުގައި އިސްލާހު ކުރަން ޖެހޭ ކަންކަން ގިނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފުންނާބު އުސް އިލްމުވެރިން ހިމެނިވަޑައިގަންނަވާ ފަތުވާ މަޖިލީހުން ނިންމި ގޮތުގެ ސިޓީއެއް މިނިސްޓަރަށް ލިބިވަޑައިގެންފައެވެ. ފަތުވާ މަޖިލީހުން ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ އިސްލާމް ދީނަށާއި، ދީނީ އެއްބައިވަންތަކަމުގެ ގާނޫނާ ފުށުއަރާ ކަންތައްތަކެއް ބިލުގައި ހުރި ކަމަށެވެ.

ބިލާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ބިލްގައި އިސްލާހު ކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލް އޭނާ ނުދެއްވައެވެ.

މަޖިލީހަށް ބިލް ފޮނުވާފައިވަނީ މިނިސްޓްރީގެ މަޝްވަރާ ނުހޯދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަދި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިނިސްޓްރީގެ ލަފާއަކަށް އެދިފައިވާ ކަމަށާއި، ލަފާ ހިމެނޭ ލިޔުން ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

ބިލަށް އާއްމުންގެ ހިޔާލު ހޯދަން ވެސް މިހާރު މަޖިލިހުން ވަނީ ހުޅުވާލައިފައެވެ.

އެ ބިލާ ގުޅިގެން އޭގައި ލާދީނިއްޔަތު ފެތުރުމުގެ ޖާގަ އޮތް ކަމުގައި ދެކި ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ވަކިން ހާއްސަކޮށް ދީނީ އިލްމުވެރިންގެ ފާޑުކިޔުން ވެސް ވަނީ ބިލަށް އަމާޒުވެފައެވެ.

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީ ވެސް ބިލާއި ދެކޮޅު ކަން ވަނީ ހާމަކޮށްފައެވެ.

މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މަދު މެންބަރުންތަކެއް ވެސް ބިލާ ދެކޮޅެވެ. ހަތަރު މެންބަރަކު ވަނީ ބިލު ބަލައިގަތުމާ ދެކޮޅަށް ވެސް ވޯޓު ދެއްވައިފައެވެ.

ފާޑުކިއުންތައް އަމާޒުވެފައިވަނިކޮށް ސަރުކާރުން ވަނީ ދީނަށް ފުރައްސާރަ ކުރުމުގެ ކުށް ތަފްސީލްކޮށް ބަޔާން ކުރާ ބިލެއް ވެސް ހުށަހަޅައިފައެވެ. އެ ބިލު ހުށަހެޅުއްވީ ވެސް ހިސާނެވެ. ބިލުގެ ފުރަތަމަ ކިއުން ވަނީ މިިދިޔަ އަންގާރަ ދުވަހުގެ ޖަލްސާގައި އިއްވައިފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

1 ކޮމެންޓް

  1. ތިޔަ ބިލާ ކުޅެފިނަމަ މިނިސްޓަރުގެ ނޯކޮންފިޑެންސް ވޯޓް ނެގުމަށް އޮތީ ފަރިވެފަ.

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top