ލޯކަލް ގަވަރްމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ އަތްމަތީ ފޮތް އާންމު ކޮށްފިއެވެ.
މި އަތްމަތީ ފޮތަކީ ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު(ޤާނޫނު ނަންބަރު 2010/07)ގެ 8(ށ)،23(ށ) ،41( ނ) އަދި 92 މާއްދާއެވެ ދަށުން އެކުލަވާލަންޖެހޭ ތަރައްޤީގެ ޕްލޭންތައް އެކުލަވާލުމަށްޓަކައި ކައުންސިލްތަކަށް އިރުޝާދު ދިނުމުގެ ގޮތުން ލޯކަލް ގަވަރމެންޓް ގެ ފަރާތުން ތައްޔާރުކޮށްފައިވާ އަތްމަތީ ފޮތެކެވެ.
މިފޮތުގައި، އަދުގެ ހާލަތަށް ރިޔާއަތްކޮށް، ތަރައްޤީގެ ޕްލޭންތައް އެކުލަވާލުމުގައި ކައުންސިލްތަކުން އަމަލު ކުރަންވީގޮތާއި ،ވިސްނުން ބަހައްޓަންވީ ކަންތައްތައް،އަދި ތަރައްޤީގެ ޕްލޭން ފަރުމާކުރަން ވީގޮތް ހިމެނިފައިވާނެއެވެ.މީގެ އިތުރުން ތަރައްޤީގެ ޕްލޭން އެކުލަވާލުމުގައި ސަމާލުވާންޖެހޭ ޤައުމީ އަދި ބައިނަލްއަގުވާމީ ތަސައްވުރުތަކާއި ބެހޭ މަޢުލޫމާތުވެސް ހިމެނިފައިވާނެކަމަށް މި ފޮތުގައި ބަޔާންކޮށްފައިވެއެވެ.
އެލްޖީއޭގެ މި އަތްމަތީ ފޮތް ފަރުމާކުރެވިފައިވަނީ މައިގަނޑު 7 ބަޔަކަށް ބަހާލައިގެންނެވެ.
އެގޮތުން ފުރަތަމަ ބައިގައި ހިމެނިފައިވަނީ އަތްމަތީ ފޮތް ތައާރަފް ކުރުމާ ބެހޭ ބައިތަކެވެ.
ދެވަނަ ބައިގައި ހިމެނިފައިވަނީ ތަރައްޤީގެ ޕްލޭން އާއި ގުޅުންހުރި ޤާނޫނުތަކާއި، ސަރުކާރުގެސިޔާސަތުތަކާއި، ބައިނަލްއަޤްވާމީ މަޝްރަހުގައި ވެފައިވާ އެއްބަސްވުންތަކާއި ،ތަރައްޤީގެ ޕްލޭން އާ ގުޅުންހުރި ސަރުކާރުގެ އިދާރާތަކުގެ އޮނިގަނޑުގެ މައްޗަށެވެ.
ތިންވަނަ ބައިގައި ވަނީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގައި ރައްޔިތުންނާއި ކަމާބެހޭ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން ކަށަވަރު ކުރުމުގެ މުހިންމު ކަމާއި ،މިކަން ހާސިލްކުރުމަށް ޓަކައި ކުރެވިދާނެ ބައެއްކަންތައްތަކުގެ މައްޗަށެވެ.
ހަތަރުވަނަ ބައިގައި ހިމަނާފައި ވަނީ ތަރައްޤީގެ ޕްލޭން އެކުލަވާލާނެ ގޮތުގެ ތަފްސީލެވެ.
ފަސްވަނަ ބައި ޚާއްސަކުރެވިފައިވާނީ ތަރައްޤީގެ ޕްލޭން ތަންފީޒުކުރުމުގައި ސަމާލުވާންވީ ކަންތައްތަކަށެވެ.
ހަވަނަ ބައިގައި ބަލާފައިވާނީ ތަރައްޤީގެ ޕްލޭން ވިލަރެސްކުރުމާ ވަޒަންކުރުމުގައި ބަލަންޖެހޭ ކަންތައްތަކަށެވެ.
ހަތްވަނަ ބައި ޚާއްސަކުރެވިފައިވާނީ ތަރައްޤީގެ ޕްލޭން އެކުލަވާލުމާއި ،ވިލަރެސްކުރުމާއި، ވަޒަންކުރުމުގައި ބޭނުންކުރެވިދާނެ އެކިއެކި ޓޫލްސްތަކަށެވެ.އަދި މިފޮތުގެ ފަހަތުބައިގައި ޤައުމީ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ހަރަކާތްތަކުގެ ތެރެއިން ލޯކަލްކައުންސިލްތަކާއި ގުޅުންހުރި ކަންތައްތައް ހިމެނިފައި ވެއެވެ.
މި އަތްމަތީ ފޮތަކީ ލޯކަލް ކައުންސިލްތަކުގެ މެންބަރުންނަށާއި، ކައުންސިލް ތަކުގެ ސިވިލްސާވިސް މުވައްޒަފުންނަށާއި،އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ތަކާއި،ތަރައްޤީ ޕްލޭން ގައި ހިއްސާވާ އެކި އެކި ދާއިރާތަކުގެ މުވައްޒަފުންނަށާއި ،ތަރައްޤީގެ ޕްލޭން އެކުލަވާލުމަށްޓަކައި އުފައްދާ އެކި އެކި ކޮމެޓީގެ މެމްބަރުންނަށް އަމާޒުކޮށްގެން އެކުލަވާލި ފޮތެކެވެ.






