ނަފްރަތު އުފެއްދުމަކީ ގާނޫނީ ކުށަކަށް ހަދަން ޤާނޫނުލްއުޤޫބާތު އިސްލާހުކުރަން ސަރުކާރުން ހުށަހެޅާ، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެން ސްޕޮންސާރ ކުރެއްވި ބިލާއި ދެކޮޅަށް ރާއްޖޭގެ 100 އަށް ވުރެ ގިނަ ކައުންސިލަކުން ބަޔާން ނެރެފިއެވެ.
އެ ކައުންސިލުތަކުން ވަކިވަކިން ނެރުނު ބަޔާންތަކުގައި ބުނެފައިވަނީ އެ ބިލު ފާސް ނުކުރުމަށާއި އެ ބިލުގެ ބައެއް މާއްދާތައް ފަރުމާކުރެވިފައިވަނީ އިސްލާމްދީނުގެ އަސާސްތަކާ ފުށުއަރާ ގޮތަށް ކަމަށެވެ. އަދި އެ ކަންކަން އިސްލާހުނުކޮށް ބިލު ފާސްކޮށްފިނަމަ އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ ފުރުސަތު އެ ގާނޫނުގެ ތެރެއިން ލިބިގެން ހިނގައިދާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެ ބިލާއި ދެކޮޅަށް ބަޔާންތައް މިހާތަނަށް ނެރެފައިވަނީ 100 ރަށު ކައުންސިލަކާއި، 3 އަތޮޅު ކައުންސިލެއްގެ އިތުރުން 1 ސިޓީ ކައުންސިލަކުންނެވެ.
ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި އެ ބިލުގެ އެއް ވަނަ ނަމްބަރުގައިވާ ގޮތުން، އެ ބިލް ގާނޫނަކަށް ވުމުން، ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ މީހެއް ކަމަށް ނުވަތަ ދީނާ ދެކޮޅު މީހެއް ކަމަށް އާއްމު ތަނެއްގައި ބުނުން ވާނީ ޖަލު ހުކުމެއް އަންނާނެ ކުށަކަށެވެ.
އެ މާއްދާ އެހެން އޮންނާތީ ބައެއް ދީނީ އިލްމުވެރިންނާއި އާއްމުން ވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން 101 އިލްމުވެރިޔަކު ސޮއިކޮށް އެ ބިލު އަނބުރާ ގެންދިޔުމަށް ގޮވާލާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދާދިފަހުން ވަނީ ޕެޓިޝަނެއް ފޮނުއްވާފައެވެ.
މި ބިލާއި މެދު ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.






