އޭޝިއަން އެކަޑެމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) އިން އައްޑޫ އަތޮޅުގައި ހިންގާ ފްލައިން ސުކޫލް އެވިޑް ކޮލެޖާ ހަވާލުކުރަން ނިންމާފި އެވެ.
މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މާދަމާގެ ވަގުތެއްގައި އެވިޑް ކްލެޖްގެ ދަށަށް ފްލައިން ސްކޫލް ބަދަލުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރާނެއެވެ.
ސްކޫލްގައި ހުރި މައްސަލަތަކެއް ހައްލެއް ނުލިބި ދިގުލައި، އަދި ހާލަތު އިތުރަށް ގޯސްވެފައިވާތީ ދަރިވަރުން އަންނަނީ ދޭތެރެ ދޭތެރެއިން ސޯޝަލް މީޑިއާގައި ޝުއޫރުތައް ފާޅުކުރަމުންނެވެ. އެގޮތުން ދަރިވަރުން އަންނަނީ މިހާރު ބޭނުންވަނީ އޭއޭއޭ ނޫން ހައްލެއް ކަމަށް ބުނަމުންނެވެ.
ފްލައިން ސްކޫލް ހިންގާ އޭއޭއޭ އާއެކު ގަން އެއާޕޯޓު ކުންފުނިން ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު މިއަހަރުގެ ޖުލައި ނިޔަލަށް ހަމަވާއިރު ދާދިފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނިންމެވުންތަކެއް ނިންމަވާފައެވެ.
އެގޮތުން ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އޯޑިޓްގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން އެ ތަނުގެ ހެޑް އޮފް ޕައިލެޓް ޓްރެއިނިންގ އާއި އެކައުންޓެބަލް މެނޭޖަރގެ މައްސަލަ އިތުރަށް ބަލާ ފިޔަވަޅު އެޅުމަށް ރައީސް ވަނީ އަންގަވާފައިވާއިރު ފްލައިން ސްކޫލްގެ ހެޑް އޮފް ޓްރެއިނިންގެ މަގާމު އަދާކުރަމުންދަނީ ސުރަންޖަން ޑި ސިލްވާ އެވެ. އަދި އެކައުންޓެބަލް މެނޭޖަރގެ މަގާމު އަދާކުރަނީ އަލީ އަކްބަރު ސައިފުއްދީން ޖީވަންޖީ އެވެ.
މީގެ އިތުރުން ރައީސް ސޯލިހް ވަނީ އެ ސްކޫލްގެ މައްސަލަ ދިގުލައިގެން ދިއުމުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިހުމާލެއް ވޭތޯ ބެލުމަށް މިނިވަން އޯޑިޓެއް ހަދައި، އިހުމާލުވެފައި ވާނަމަ، އިހުމާލުވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ވެސް އަންގަވާފައެވެ. އަދި އެ ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސް އިން ލޯނު ނަގާފައިވާ ދަރިވަރުންގެ ލޯނު މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް މިނިސްޓްރީ އޮފް ހަޔާ އެޑީއުކޭޝަން އިން ދޫކުރާ ލޯނުތަކަށް ބަދަލުކޮށްފައި ވެއެވެ.






