ރާއްޖޭގައި މަސައްކަތްކުރާ 106 މަދަނީ ޖަމިއްޔާއެއް އެކުވެގެން، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ޙުސައިން ހުށަހަޅުއްވާފައިވާ "ނަފްރަތުގެ އަމަލު" ބަޔާން ކުރާ ބިލު އަނބުރާ މަޖިލީހުގެ ތަޅުމުން ގެންދިއުމަށް ގޮވާލައިފިއެވެ.
ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 124 ވަނަ މާއްދާގެ ގޮތުގައި "ނަފްރަތުގެ އަމަލު ހިންގުން" ނަމުގައި މާއްދާއެއް އިތުރު ކުރަން ހުށަހެޅި މިހުށަހެޅުން މަޖިލީހުގެ ތަޅުމަށް މިހާރު ވަނީ ބަލައިގަނެފައެވެ.
މި މާއްދާގައި ބުނާގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމަކީ ކުށަކަށް ހެދުމަށާއި، އަދި އިސްލާމީ އަޤީދާއާއި ގުޅުވައި މުޖުތަމައުގައި ނަފުރަތު އުފެއްދުމަކީ ކުށަކަށް ހެދުމަށް ވެސް ވަނީ ހިމަނާފައެވެ. އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ތުހުމަތު ކުރުމާއި، ސިފަކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރި ވުމަކީ ވެސް ކުށެއް ކަމަށް އެ މާއްދާގައި ބުނެއެވެ.
މި ބިލް އަނބުރާ ނެގުމަށް 106 މަދަނީ ޖަމިއްޔާއަކުން އެކުވެގެން ނެރުނު ބަޔާނެއްގައި ވަނީ "ނަފުރަތުގެ ޢަމަލު ހިނގުން " ހުއްޓުވުމުގެ ނަމުގައި، ޤާނޫނުލްއުޤޫބާތައް އިސްލާހުގެނައުމަށް ހުށައަޅާ ފައިވާ މި ބިލުގައި، އެ ފަރާތްތަކުން ކަންބޮޑުވައި ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކޮށްފައެވެ.
މީގެއިތުރުުން، މިބިލު މަޖިލީހަށް ހުށައެޅުއްވުމާއެކު އެބިލާމެދު ޤައުމުގެ އެކިއެކި ދާއިރާތަކުން ކަންބޮޑުވުން ފާޅުކުރަމުން އަދި ސުވާލު އުފައްދަމުން އަންނަ، މިބިލަކީ އެތައް ކަންބޮޑުވުމެއް ހިމެނޭ ބިލެއްކަން ވަނީ މުޖުތަމަޢުއަށް ހާމަވެގެން ގޮސްފަަކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ކަންބޮޑުވުންތަކުގެ ތެރެއިން މަދަނީ މުޖުތަމަޢުގައި ޙަރަކާތްތެރިވާ އެ ޖަމްޢިއްޔާތަކުން ބިލާމެދު ކުރި ދިރާސާގައި، ނުރައްކާތެރި އެތައްކަމެއް މިބިލު ފާސްވެއްޖެނަމަ މުޖުތަމަޢުގެ ތެރެއިން ފާޅުވެގެން ހިގައިދާނެކަންވަނީ ކަށަވަރުގެން ގޮސްފަކަމަށްވެސް ފާހަގަކުރިއެވެ.
މި ދިރާސާގެ މުހިންމު ހަތަރު ނުކުތާއެއް އެ ބަޔާނުގައި ފާހަގަ ކުރިއެވެ.
1- އެގޮތުން، މި ބިލުގެ ސަބަބުން ޤާނޫނު އަސާސީގެ 10 ވަނަ މާއްދާގައިވާ ދިވެހި ދަޢުލަތުގެ ދީންކަމަށްވާ މާތްވެގެންވާ އިސްލާމްދީނަށް މަދަނީ މުޖުތަމަޢުގައި ދެވިފައިވާ މަޤާމު ހަނިވެ ދީނުގެ ދައުރު ދިވެހިންގެ ދިރިއުޅުމުން ވަރަށްބޮޑަށް ހަނިވެގެންދާނެކަމަށް ބުނެފައިވެއެވެ. އަދި މި ބިލުގައި ކުށުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންތައްތައް ފާސްވެ ޤާނޫނަކަށްވާ ހިސާބުން މުންކަރާތްތައް ނަހީކުރުމުގެ މަތިވެރި ދީނީ ޝިޢާރު އިސްލާމީ މި ފަސްގަނޑުން އަށްޤަރުނު ފަހުން، ފުރަތަމަ ފަހަރަށް ސަރުކާރުން ފާސްކުރާ ޤާނޫނަކުން އެކީ އެކަށް ނެތިގެންދާނެކަމަށްވެސް ފާހަގަކުރިއެވެ. މިއީ އިސްލާމްދީނުގެ އަސްލުތަކާއިކަނޑައެޅިގެން ޚިލާފުކަމެއްކަމަށާއި އަދި މުންކަރާތް ނަހީކޮށް ހެޔޮ ނަސޭޙަތްދިނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްދީނުގައި ވާޖިބުކުރައްވާފައިވާ ކަމެއްކަމަށް އެ ޖަމިއްޔާތަކުން ބުނެފައިވެއެވެ.
2- މި ބިލުގެ ސަބަބުން މިފަހަކަށް އައިސް މުޖުތަމަޢުގައި ފެތުރޭ ދީނާޚިލާފު ޙައްދުފަހަނައަޅައި ހަރުކަށިވެދިޔުމުގެ ނުރައްކާތެރި ފިކުރާއި، އިސްލާމްދީނާމެދު ނަފްރަތު އުފައްދާ ލާދީނީ ފިކުރުތައް އެއްވެސް ޤާނޫނީ މަނާކުރުމެއްނެތި މިނިވަންކަމާއެކު އެމީހުންގެ ބާޠިލު ފިކުރުތައް ފެތުރުމަށް މަގު ފަހިވެގެންދާނެކަމަށް ފާހަގަކުރިއެވެ. މީހެއްގެ ދީނީ ޢަޤީދާއާއި ގުޅުވައިގެން މީހަކާ މެދު ނަފްރަތުގެ ޢަމަލެއް ހިންގުމަކީ ކުށެއްކަމުގައިވަނީ ބަޔާންކޮށްފާވުމާއެކު، ބާޠިލު ޢަޤީދާތަކުގެ ޙަޤީޤަތް ބަޔާންކޮށް އެކަމުން މުޖުތަމަޢު ސަލާމަތްކޮށް އަމާން، އެއްބައިވަންތަ ދިވެހި މަދަނީ މުޖުތަމައެއް އުފެއްދުމަށް މަސައްކަތްކުރާ ފަރާތްތަކުގެ މަޤްޞަދު ހާސިލުކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރުމުގެ ފުރުޞަތު ފަހިވެގެންދާނެކަމަށްވެސް ބުނެފާވެއެވެ.
3- މި ބިލުގައި މުސްލިމުން ކާފަރުކުރުން ކުށަކަށްވާނެ ގޮތްކަމަށް ބަޔާންކޮށް ހިމަނާފައިވާ ނުކުތާގެ ސަބަބުން ފާޅުގައި ދީނަށް ހަޖޫޖަހާ މީހުންނަށް، ޤާނޫނީ ހިމާޔަތާއި ރައްކާތެރިކަން ލިބިގެންދާނެކަމަށް ބުނެފައިވެއެވެ. އަދި ބިލުގައިވާގޮތުން މީހަކު އަމިއްލައަށް މުރުތައްދުވިކަން ޢިއުލާނުކުރިޔަސް އެކަމުގެ ވާހަކަ އެހެންމީހުން ދެއްކުން ހުއްދަވާނީ ހަމަ އެކަނި ދީނަށް ފުރައްސާރަކުރިމީހާ މުރުތައްދުވީކަން ކޯޓަކުން ޙުކުމް ކުރުމުންކަމަށާއި މިއީ ކަނޑައެޅިގެން އިސްލާމްދީނުގެ ހަމަތަކާއި ޚިލާފުކަމެއްކަން ފާހަގަކުރިއެވެ. ބުއްދިސަލާމަތުން ހުރެ މަޖްބޫރުކަމެއް ނެތި މުރުތައްދުވުމުގެ ޢަމަލެއް ކޮށްފިނަމަ އެމީހަކު ދީނުންބޭރުވެފައިވާކަށް މީސްތަކުންނަށް ބަޔާންކޮށްދީ އޭނާއާއި މެދު އިންޒާރުކުރުމުގެ ޙައްޤަކީ ކޮންމެ މުސްލިމަކަށް ދީނުގެ ފަރާތުން ކަށަވަރުކޮށްދީފައިވާ ކަމެއްކަމަށްވެސް އެ ބުނެފައިވެއެވެ.
4- މި ބިލު ފަރުމާކޮށްފައިވާ ގޮތުން ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގައި ކަށަވަރުކޮށްދީފައިވާ ދީނާއި ޚިލާފުނުވާގޮތަށް ޚިޔާލުފާޅުކުރުން ހަނިވެގެން ދާކަމަށާއި އިސްލާމް ދީނާއި ޚިލާފުވާ ފަރާތް ތަކުގެ ވާހަކަ މުޖުތަމަޢުއަށް ބާޔާން ކޮށް ދިނުމަކީ ދީނުގެ އަސްލުތަކުގެ ތެރޭގައިވާ ކަމަކަށް ވެފައިވާއިރު، ބިލުގައި އެކަން އެއް ކޮށް މަނާކުރާކަމަށް އެ ޖަމިއްޔާތަކުން ބުނެފާވެއެވެ.
މީގެ އިތުރުން، ނަފުރަތާއި ފުރައްސާރައާއި ރުޅިވެރިކަން އުފެއްދުމަކީ މިހާރުވެސް ދިވެހިރާއްޖޭގެ ޤާނޫނުތަކުން ޢާންމު ޞިފައެއްގައި މަނާ ކަންކަމަށް ވެފައިވީ ހިނދުވެސް، ސިޔާސީ އެކިއެކި ބޭނުމަށް އެކިއެކި ފަރުދުންގެ މައްޗަށް އެއްވެސް އަސާސެއްނެތި ޖިނާއީ ބޮޑެތި ކުށުގެ ތުހުމަތު އެޅުވުމާއި، އިންސާނިއްޔަތުކަން ނަގާލާފަދަ ލަފުޘުތަކުން މުޚާޠަބުކުރުމާއި، އެކިއެކި މީހުންނާއި އެމީހުންގެ ޢާއިލާތަކަށް ޖަމާޢީގޮތެއްގައި ލާއިންސާނީ ލަފުޡުތަކާއި ނަންތަކާއި އަދި ކުރެހުންތަކުން ކުރެވޭ ނަފުރަތު އުފެއްދުމާއި ފިތުނައާއި ރުޅިވެރިކަން އުފެއްދުމުގެ އެއްވެސް ޢަމަލެއް މިބިލުން ކުށަކަށް ނުވާކަމަށާއި އެއި އެފަރާތްތަކުން ސުވާލުއުފެދޭ ކަމެއްކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
މި ބިލުގައި ވަކި ފަރާތްތަކަކާ ދެކޮޅަށް ނާޖާއިޒު ގޮތުގައި ބޭނުންކުރެވިދާނެފަދަ ގޮތަކަށް ބިލު ފަރުމާވެފައި އޮތުންވެސް ފާހަގަކޮށްފައިވެއެވެ. އަދި މިބިލު ފާސްކުރަން ނުފެންނަކަމަށް ދިވެހިރާއްޖޭގެ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ލަފާދެއްވާފައިވުމާއި، ގިނަ ޢަދަދެއްގެ ދަންނަބޭކަލުން އެކުވެގެން އެބިލު އަނބުރާ ގެންދިޔުމަށް ރައީސުލްޖުމްހުރިއްޔާއަށް އިލްތިމާސްކޮށްފައިވުމުން، މިބިލާމެދު އެ ޖަމްޢިއްޔާތަކުން، މަދަނީ މުޖުތަމަޢުގެ ބަސް ބައްޓަން ކުރަންޖެހޭ ގޮތް ވަނީ ވަރަށް ސާފުކޮށް ބަޔާންވެގެންގޮސްފަކަމަށްވެސް އެ ބަޔާނުގައި އިތުރަށް ފާހަގަކުރިއެވެ.
މިފަދަ ސަބަބުތަކަށް ރިޢާޔަތްކޮށް، މި ބިލް އަނބުރާ ނެންގެވުމަށް އެ ޖަމިއްޔާތަކުން ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ގެ އަރިހުން އެދިލައްވާފައެވެ.
އަދި އެބަޔާނުގައި ވަނީ މިބިލު މަޖިލީހުގެ ތަޅުމުން ބޭރުކޮށްލުމަށް މި 106 މަދަނީ ޖަމްޢިއްޔާ އެކުވެގެން އެއްއަޑަކުން، ރައްޔިތުންގެ މަޖިލީހުގެ އެންމެހާ މެންބަރުންނަށް ގޮވާލާފައެވެ.






