Close

ބިލުގެ ބަސްމަގު އޮތީ އެންމެ ރަނގަޅަށް ނޫން: މެންބަރު ސިރާޖް

ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ނަފުރަތުގެ އަމަލުތައް ތަފްސީލްކޮށް ބަޔާން ކުރުމަށް ކަމަށް ބުނެ ހުށަހަޅާފައިވާ ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލުގެ ބަސްމަގު އޮތީ އެންމެ ރަނގަޅަށް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ވިދާޅުވެއްޖެ އެވެ.

ބިލުގެ ފުރަތަމަ މާއްދާގައި އޮތީ އިސްލާމް ދީނާ ޚިލާފަށް އުޅޭ ކަމަށް މީހަކުގެ މައްޗަށް ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށެވެ. އެހެން އޮތުމުން ޚިޔާލު ފާޅު ކުރުމަށާއި ދީނީ ނަސޭހަތް ދިނުމަށް ހުރަސް އެޅިދާނެ ކަމުގެ ކަންބޮޑުވުން ވަނީ ބޮޑުވެފައެވެ.

ބިލު ދިރާސާ ކުރަމުންދާ ޖުޑިޝަރީ ކޮމިޓީން ރޭ ބޭއްވި ބައްދަލުވުމުގައި ސިރާޖް ވިދާޅުވީ އޭނާއަށް ވެސް ބިލުގެ ފުރަތަމަ ދެ މާއްދާ އޮތް ބަސްމަގު ކަމު ނުދާ ކަމަށެވެ. އެއީ ގައިމު ވެސް ބިލަށް ގެންނަން ޖެހޭ އިސްލާހެއް ކަމަށެވެ.

"އަޅުގަނޑަށް ވެސް މި ކަމަކު ނުދޭ، އިސްލާމީ މުޖުތަމައެއް މިއީ، މުންކަރާތްތައް ނަހީ ކުރެވެން ޖެހޭނެ، އެ އިސްލާހު ގެންނަން ޖެހޭނެ،" ސިރާޖް ވިދާޅުވިއެވެ.

އެހެން ވިޔަސް ބިލަށް ލިބިފައިވާ ޚިޔާލުތައް ދިރާސާކޮށް އެއަށް ރިއާޔަތް ކުރުމެއް ނެތި ވަގުތުން ބިލު ބޭރުކޮށްލުމުގެ ވިސްނުމަކީ ޒިންމާދާރު ކަން ކުޑަ އަމަލެއް ކަމަށް ސިރާޖް ވިދާޅުވިއެވެ.

"ބިލު އިސްލާހު ކުރުން ވެސް އެއީ އެންމެ ރަނގަޅު ގޮތަށް ވެދާނެ، ބިލު ބޭރުކޮށްލަން ވެސް ފެނިދާނެ، އެކަމަކު ޚިޔާލުތައް ދިރާސާކޮށްފައި ގޮތެއް ނިންމަން ވާނީ،" ގާނޫނީ ވަކީލު ކަން ވެސް ކުރައްވާ ސިރާޖް ވިދާޅުވިއެވެ.

ސިރާޖް ދެކެވަޑައިގަންނަވާ ގޮތުގައި އިސްލާމިކް މިނިސްޓްރީން ބިލަށް މިހާރު ފޮނުވާފައިވާ އިސްލާހަކީ އެންމެ ރަނގަޅު އެއް ގޮތެވެ. އެހެންކަމުން އެ އިސްލާހު އެ ގޮތަށް ބިލުގެ ފުރަތަމަ މާއްދާތަކަށް ގެނައުމުން ބިލު ފުރިހަމަ ވާނެ ކަމުގައި ގަބޫލު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސިރާޖް ވެސް ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ޖަމާވެ ތިއްބަވާ ގޮތަށް ބިލަށް ޚިޔާލު ހޯދަން އެދިވަޑައިގެންފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top