ގދ. ތިނަދޫގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށް އެރަށު ކައުންސިލުން ނިންމައިފި އެވެ.
ތިނަދޫ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ތިނަދޫގައި ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރި ކޮމިޔުނިޓީ ސްޕްރެޑަކަށް ބަދަލުވެފައިވާތީ، ރައްޔިތުންގެ ޞިއްޙީ ރައްކާތެރިކަމަށްޓަކައި މީގެ ކުރިން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކޮށް އިތުރަށް ވަރުގަދަކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ކާފިޢުގެ ވަގުތު ނޫން ވަގުތުތަކުގައިވެސް ދަރޫރީ ބޭނުންތަކަށް ބޭރަށް ނުކުތުމަށްޓަކައި ކޮންމެ ހައުސްހޯލްޑް އަކަށް 2 ފާސް ދޫކުރެވިފައިވީ ނަމަވެސް، ބައްޔަށް ފައްސިވާ މީހުންގެ ޢަދަދު މަދުނުވެ ގިނަ ވަގުތުތަކުގައި ރަށުތެރޭގައި މީހުންގެ ޙަރަކާތްތައް އިތުރުވެފައިވާކަން ކައުންސިލަށް ފާހަގަކުރެވިފައިވާކަމަށާއި މިއީ ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަމަށް ވުމުން 24 ޖޫން 2021 ގައި ބޭއްވުނު ތިނަދޫ އީ އޯ ސީގެ ބައްދަލުވުމުގައި ނިންމާފައިވާ ގޮތުގެ މަތިން މިހާރު އަޅައިފައިވާ ފިޔަވަޅުތަށް އިތުރަށް ހަރުކަށިކުރުމަށްވަނީ ނިންމާފަވާކަމަށް އެއިލާނުގައި ބުނެފައިވެ އެވެ.
ތިނަދޫ ކައުންސިލުން އެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ މި ފިޔަވަޅުތައް ވަގަދަކުރުމާއި އެކު ދެން ގޭގެއަށް ދޫކޮށްފައިވާ ހައުސްހޯލްޑް ޕާރމިޓް ބޭނުންކޮށްގެން ބޭރަށް ނުކުމެވޭނީ ތިނަދޫ ޕޮލިސް ސްޓޭޝަނުން ކަނޑައަޅާ ވަގުތުތަކަށް ކޮންމެ ގޭބިސީއަކުން އެކަކަށް، ޙަފްތާއަކު 01 ދުވަހު 1 ގަޑިއިރަށް ކަމަށެވެ.
މީގެ އިތުރުން އެނޫން ގަޑިތަކުގައި ޡަރޫރީ ކަންކަމުގައި ބޭރަށް ނުކުތުމަށް ބޭނުން ކުރެވޭނީ ހަމައެކަނި ޕޮލިސް ޓައިމް ބައުންޑް ޕާރމިޓް ކަމުގައި ހަމަޖައްސާ އެކަން އެގޮތުގެ މަތިން ތަންފީޛް ކުރުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެ ކައުންސިލުން ވަނީ އަންގާފަ އެވެ.






