ގއ ދާންދޫގައި އިންޑޯ ބެޑްމިންޓަން ކޮމްޕްލެކްސްއެއް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި އެވެ.
ދާންދޫ ކައުންސިލުން ގެޒެޓްކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުގައި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެންޕަވަރމަންޓުން ބަޖެޓް ދީގެން ޤާއިމްކުރާ އިންޑޯ ބެޑްމިންޓަން ކޮމްޕްލެކްސް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ވަނީ ބޭނުންވެފައި އެވެ. އަދި މި މަސައްކަތް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ވަނީ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި އެވެ.
ދާންދޫގައި އިންޑޯ ބެޑްމިންޓަން ކޮމްޕްލެކްސްއެއް ތަރައްޤީކުރުމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އިކޮނޮމިކް މިނިސްޓްރީގައި މިމަސައްކަތުގެ ދާއިރާއިން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އެގޮތުން މި މަސައްކަތާއި ގުޅޭ މައުލޫމާތު ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 4 ޖުލައި 2021 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:00 ގައި އެ ކައުންސިލް އިދާރާގައި އެވެ.
އަދި މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު އޮންނާނީ 11 ޖުލައި 2021 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:00 ގައި ގއ ދާންދޫ ކައުންސިލް އިދާރާގައި އެވެ.
މި މަސައްކަތުގެ ބިޑް އިވެލުއޭޓް ކުރާނީ އެ ކައުންސިލްގެ އިދާރާއިން ކަނޑައަޅާ ބިޑް އިވެލުއޭޝަން ކޮމިޓީއަކުންނެވެ. ބިޑް އިވެލުއޭޝަން ކޮމިޓީއިން އަންދާސީ ހިސާބުތައް އިވެލުއޭޓްކުރުމަށް ފަހު، އަންދާސީ ހިސާބު ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އަންގައިދެވޭނެއެވެ. ބިޑް އިވެލުއޭޝަނާއި ގުޅިގެން ބިޑް ކަނޑާތާ 05 ދުވަހުގެ ތެރޭގައި، އެއްވެސް ޝަކުވާއެއް އޮތްނަމަ މި ކައުންސިލްގެ އިދާރާއަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެ ކަމަށްވެސް އެކައުންސިލުގެ އިއުލާނުގައި ވެއެވެ.
މިމަސައްކަތުގެ މައުލޫމާތު ދިނުމުގެ ސެޝަނާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ އޮންލައިންކޮށެވެ. އެހެންކަމުން އޮންލައިންކޮށް މައުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 03 ޖުލައި 2021 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން ކައުންސިލް އިދާރާގެ ނަންބަރު 7330026 ހޮޓްލައިން އަށް، އެކަން ބަޔާންކޮށް އެފަރާތުގެ ނަމާއި މަޢުލޫމާތު މެސެޖް ކުރުމަށް ވެސް ވަނީ އެދިފައި އެވެ. މި ކަމާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މި މަސައްކަތް ކުރުމަށް ޙަވާލު ކުރެވޭނީ އެވަލުއޭޝަންއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަށެވެ.
މި މަސައްކަތް ކުރެވޭނީ މި ކަން ކުރުމަށް ހޮވޭފަރާތާއި މި ކައުންސިލް އާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.






