ލޯކަލް ކައުންސިލްތަކަށް ފަސް އަހަރުގެ މުއްދަތަށް ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އިން ހޯދަން ކުރި އިއުލާނާ ގުޅިގެން އެ މަގާމުތަކަށް 500 އަށް ވުރެ ގިނަ މީހުން ކުރިމަތިލައިފިއެވެ.
ކައުންސިލްތަކުގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔާގެ މަގާމަށް 200 މީހުން ހޯދަން ހުޅުވައިލި މުއްދަތު ޖޫން 28 ވަނަ ދުވަހު ހަމަވެފައިވީއިރު އެމަޤާމަށް 511 މީހަކު ފޯމު ހުށަހަޅާފައިވާ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ބުނެފައިވެއެވެ.
ސީއެސްސީ އިން ބުނީ ކުރިމަތިލާފައިވަނީ ރަށު ކައުންސިލްގެ އެސްޖީ ކަމަށް 371 މީހެއްކަމާއި އަތޮޅު ކައުންސިލްގެ އެސްޖީއަކަށް 86 އަދި ސިޓީ ކައުންސިލްގެ އެސްޖީގެ މަގާމަށް 54 މީހެއްކަމުގައެވެ.
ސެކްރެޓަރީ ޖެނެރަލްގެ މަޤާމަކީ މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު ވެސް އަދާކުރަންޖެހޭ ކައުންސިލްގެ އިދާރާގެ އިދާރީ އެންމެ އިސް މަޤާމެވެ.






