ގދ ތިނަދޫގައި ހަލުވި ކަމާއި އެކު ކޮވިޑް ފެތުރެމުންދާއިރު ތިނަދޫގެ ރަށުތެރޭގައި ގިނަ އަދަދެއްގެ ބަޔަކު ނުކުމެ އުޅޭތީ ރަށުތެރޭގެ ހާލަތަށް ބަދަލުގެނައުމަށް ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސިފައިންގެ އެހީތެރިކަމަށް ތިނަދޫ ކައުންސިލުން އެދެފި އެވެ.
ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ވިދާޅުވީ އޭޕްރީލް މަހު 24 ގައި ތިނަދޫ މޮނިޓަރިން އަށް ލެވިފައިވީ ނަމަވެސް ތިނަދޫގައި ހާލަތު ރަނގަޅު ނުވެ ރަށު ތެރޭގައި ނުކުމެ އުޅޭ އާންމުން މަދު ކުރުމަށް ފުލުހުންނަށް ދަތިތަކަކާއި ކުރިމަތިލާންޖެހިފައިވާކަމަށާއި ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސިފައިންގެ އެހީތެރިކަމަށް އެދި ކައުންސިލުން ޑިފެންސް މިނިސްޓަރު މާރިއާ ދީދީ އަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
މިހާތަނަށް ތިނަދޫއިން 708 މީހުން ޕޮޒިޓިވް ވެފައިވާއިރު ބަލިން ރަނގަޅުވެފައިވަނީ 431 މީހެއްކަމާއި ބަލީގައި ނިޔާވެފައިވަނީ 2 މީހެކެވެ. އިއްޔެ ކޮވިޑް ބަލީގައި 70 އަހަރުގެ މީހަކު ނިޔާވެފައިވެއެވެ.






