އައްޑޫ ސިޓީ ހިތަދޫގައި އިއުލާންކޮށްފައިވާ ކާފިއު ގަޑި ކުރުކުރަން ނިންމައިފި އެވެ.
އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު ވިދާޅުވީ ހިތަދޫގައި އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލުތަކެއް އައިސްފައިވާ ކަމަށާއި އެގޮތުން ދެން ކާފިއު ގަޑިއަކީ ރޭގަނޑު 9 އިން ފަތިހު ހަތަރަކަށް ކަމަށެވެ.
ފާއިތުވި ހަފްތާގައި ހިތަދޫގައި ކާފިއު ހިންގާފައިވަނީ ހަވީރު ހަތަރަކުން ފަތިހު ހަތަރަކާއި ހަމައަށެވެ.
އަދި ހިތަދޫގެ މިސްކިތްތަކުގައި ވަކިވަކިން ޖަމާއަތް ހަދައިގެން ނަމާދު ކުރުމަށް ވެސް ހުއްދަ ދީފައިވާ ކަމަށާއި އަދި ކާފިއު ގަޑިއަށް ގެނެސްފައިވާ ބަދަލާއެކު ފިހާރަތައް ވެސް ހުޅުވައިގެން ރޭގަނޑު 9 ޖެހުމާ ހަމައަށް ހިދުމަތް ދެވޭނެ ކަމަށް ޝުއާއު ވިދާޅުވިއެވެ. ނަމަވެސް ރޭގަނޑު 10 ޖެހުމާ ހަމައަށް ޑެލިވަރީގެ ހިދުމަތް ދެވޭނެއެވެ.
މީގެއިތުރުން ހޮޓާ، ރެސްޓޯރެންޓް އަދި ގާޑިޔާތަކަށް އަދިވެސް ރޭގަނޑު 10 ޖެހުމާ ހަމައަށް ދެވޭނީ ޓޭކްއަވޭ އަދި ޑެލިވަރީގެ ހިދުމަތް އެކަނި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހިތަދޫގެ ކޮވިޑްގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން އަންނައިރު، ހިތަދޫ އިން ފާއިތުވި ހަތަރު ދުވަހު ވެސް ޕޮޒިޓިވް ކޭހެއް ފެނިފައެއް ނުވެއެވެ. ހިތަދޫގެ ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު އުޅެނީ 54 ގައެވެ.






