Close

ވައިގަދަވާނެ ކަމަށް ލަފާކޮށް އއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ވައިޓް އެލާޓް ނެރެފި

ވައިގަދަވާނެ ކަމަށް ލަފާކޮށް އއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، އއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ކަނޑުތައް ގަދަވާނެ ކަމަށާއި ބައެއް ރަށްރަށަށް އުދައަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައި ވަނީ މިރޭގެ 20:15 އާ ހަމައަށެވެ. ރާއްޖޭގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނެފައި ވަނީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވާ ކަމަށެވެ.

މީގެ އިތުރުން އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން އަދި އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށްވެސް ލަފާކޮށްފައި ވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 55 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް ބުނެފައި ވެއެވެ. މީގެ އިތުރުން، ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަ ވާނެ ކަމަށް މެޓް އޮފީހުން ލަފާ ކޮށްފައި ވެއެވެ.

އަދި ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއްދިނުމަށް ވަނީ މޫސުމާއި ބެހޭ ގައުމީ އިދާރާ އިލްތިމާސްކޮށް ފައެވެ.

މޫސުމާ ގުޅިގެން ނެރޭ އެލާޓްތައް:

ވައިޓް އެލާޓް:

މި އެލާޓްގައި މޫސުމަށް ސަމާލުވާންޖެހެއެވެ. ކޮންމެވެސް ވަރަކަށް ވައިގަދަވެ، ވާރޭ ވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެއެވެ. ވައިޖެހޭނީ 20 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ވައިޓް އެލާޓް ނެރެފައިވާނަމަ، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން މުހިއްމެވެ.

ޔެލޯ އެލާޓް:

މި އެލާޓްގެ މުއްދަތުގައި ވައި ބާރުވެ، ބޯކޮށް ވާރޭ ވެހޭނެއެވެ. އާދަޔާ ޚިލާފަށް ކަނޑުގަދަވެ، ވައި ބާރުވާނެއެވެ. މި އެލާޓްގެ މުއްދަތުގައި ކަނޑުމަގުން ކުރާ ދަތުރުތައް ކުރުމުގައި ސަމާލުވާން ޖެހޭނެއެވެ. ވިދާ ގުގުރާ ބޯކޮށް ވާރޭވެހޭނެއެވެ. އުދައެރުންފަދަ ކަންތައް ދިމާވުމަކީ އެކަށީގެންވާކަމެކެވެ. މި އެލާޓް ނެރުމާއެކު ދަތުރުފަތުރުކުރާ ފަރާތްތަކުންނާއި، ހިކިފަސް ތަންތަނުގައި ތިބޭ ފަރާތްތަކުންވެސް މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، މޫސުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެކެވެ.

ރެޑް އެލާޓް:

މި އެލާޓްގެ މުއްދަތުގައި ބާރުގަދަ ކޮޅިގަނޑުތައް އެރުމަކީ އެކަށީގެންވާކަމެކެވެ. ކަނޑު ދަތުރުފަތުރު ކުރުމަށް ދަތިތައް ކުރިމަތިވާ މިންވަރަށް ކަނޑުގަދަވާނެއެވެ. އާދަޔާ ޚިލާފަށް ވައިގަދަވެ، ވިދާ ގުގުރައި، ބޯކޮށް ވާރޭވެހޭނެއެވެ. ކަނޑު ދަތުރުފަތުރު ކުރުމަކީ މި އެލާޓްގެ މުއްދަތުގައި ކޮށްގެންވާނެކަމެއް ނޫނެވެ. ކޮޅިގަނޑެއްގެ ސަބަބުން ނުރައްކާތެރި ޙާދިސާއެއް ހިނގައިފާނެފަދަ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކުން ރައްކާތެރި ހިސާބުތަކަށް ދިޔުމަކީ މުހިއްމުކަމެކެވެ. މި އެލާޓް ނެރުމާއެކު ކަމާ ބެހޭ ފަރާތްތަކުން އަބަދުވެސް ތިއްބަވާނީ ދިމާވެދާނެ ޙާދިސާއަކުން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުވެގެންނެވެ.

ގްރީން އެލާޓް:

މިއީ މޫސުން އާންމު ގޮތެއްގައި ރަނގަޅުނަމަ ނެރޭ އެލާޓެކެވެ. މި އެލާޓް ނެރުމުން އާންމު ޙާލަތަށް ރުޖޫޢަވީއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top