ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމާ މެދު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދައްކަވާ ވާހަކަތަކާ ދެކޮޅަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ނިކުންނަވައިފިއެވެ.
ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދައްކަވާ ވާހަކަފުޅާ ގުޅޭގޮތުން ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ ޙާލަތާއެންމެގުޅޭ ރާއްޖެއަށް އެންމެފައިދާހުރި ވެރިކަމުގެނިޒާމަކީ ރިޔާސީނިޒާމު ކަމަށެވެ. އަދި ދިވެހިރައްޔިތުންގެ ބޮޑުއަޣްލަބިއްޔަކުން ނިންމާފައިވަނީވެސް ހަމަ ރިޔާސީނިޒާމު ކަމަށާއި ބަރުލަމާނީ ނިޒާމަކަށް ރާއްޖެއަކު ޖާގައެއްނެތް ކަން ވަރަށް ސާފު ކަމަށް ވިދާޅުވިއެވެ.
ބަރުލަމާނީ ނިޒާމަކަށް ބަންދުކޮށް، ބޮޑުވަޒީރުކަން ބޭނުންފުޅުވާ ވާހަކަ ރައީސް ނަޝީދު މީގެ ކުރިން ވެސް ވަނީ ވިދާޅުވެފައެވެ. އެކަމަކު އެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މާބޮޑު ސަމާލުކަމެއް ދެއްވާފައެއް ނުވެއެވެ. ރައީސް ނަޝީދު އެވާހަކަ ތަކުރާރުކުރައްވަމުންގެންދަވާއިރު އާސްކް ސްޕީކާގައި އެމަނިކުފާނު ވިދާޅުވީ ބަރުލަމާނީ ނިޒާމަކަށް ރައީސް ސޯލިހު އެކަމުގައި ފާޅުގައި ދެކޮޅު ހައްދަވާފައި ނުވާކަމަށެވެ. އަދި ދެން އޮތް ރިޔާސީ އިންތިހާބެއްގައި ވާދަ ކުރައްވާނީ އެމަނިކުފާނު ކަމަށާއި، އެކަމަކު އިންތިހާބެއް އޮންނާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި ރައީސް ޔާމީން އެމަނިކުފާނާއި އެކުގައި ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމުގައި މަސައްކަތްކުރައްވާނެކަމަށެވެ. އަދި ފެންނަ ނުފެންނަ ވޯޓެއް ނަގާއިރުގައި ޕީޕީއެމް އާއި އެމްޑީޕީ އެކުގައި ތިބެގެން ފެންނަ ނުފެންނަ ވޯޓަކަށް ދެވޭނެކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.






