Close

ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކުރުމުން ކަރަންޓީނު ނުވެ ރަށްރަށަށް ދަތުރު ކުރުމުގެ ހުއްދަދޭން ނިންމައިފި

ފޮޓޯ: ދެކުނު މީޑިއާ

ކޮވިޑް-19 ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކުރުމުން ކަރަންޓީނު ނުވެ ރަށްރަށަށް ދަތުރު ކުރުމުގެ ހުއްދަދޭން ނިންމައިފިއެވެ.

މި ލުއި ދޭން ނިންމާފައިވާ ކަން އިއުލާން ކޮށްފައި ވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ވެކްސިން ފުރިހަމަ ކުރާތާ 14 ދުވަސް ހަމަވުމުން ރަށްރަށަށް ދެވޭނީ، ނެގެޓިވް ޕީސީއާރް ޓެސްޓަކާއެކު އެވެ. އަދި މިފަދައިން ދަތުރު ކުރެވޭނީ ހަމައެކަނި މޮނިޓަރިންގައި ނެތް ރަށްރަށަށެވެ.

ވެކްސިންގެ ދެޑޯޒް ފުރިހަމަ ކޮށް، ކަރަންޓީނަކާ ނުލާ، ނެގެޓިވް ޕީސީއާރް ޓެސްޓެއް ހެއްދުމަށްފަހު މާލެއިން ރަށްރަށަށް ދެވޭނީ މާލޭގައި ޕޮޒިޓިވިޓީ ރޭޓް 5 އިންސައްތައަށް ވުރެ ދަށް ނަމައެވެ. ޕޮޒިޓިވިޓީ ރޭޓް 5 އިންސައްތައާއި 10 އިންސައްތައާ ދެމެދު ހުންނަ ނަމަ، 7 ދުވަހުގެ ކަރަންޓީނަކަށް ރަށްރަށަށް ދަތުރު ކުރެވޭނެއެވެ. މި ހާލަތުގައި 7 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރުމަށްފަހު ރިލީޒް ސާމްޕަލްއެއް ނަގަން ޖެހޭނެއެވެ.

ހަމައެއާއެކު ޕޮޒިޓިވިޓީ ރޭޓް 10 އިންސައްތައަށްވުރެ މަތި ނަމަ، ކުރިން އޮތް ގޮތަށް 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހޭނެއެވެ.

ކަރަންޓީނާ ނުލާ ރަށްރަށަށް ދަތުރު ކުރުމުގެ ހުއްދަ ދީފައިވީ ނަމަވެސް ވެކްސިން ނުޖެހޭ އުމުރުފުރާގެ ކުދިން ނުވަތަ އުމުރުން 18 އަހަރު ނުވާ ކުދިންނަށް ކަރަންޓީނު ވުމަކާ ނުލާ ރަށްރަށަށް ދަތުރެއް ނުކުރެވޭނެއެވެ.

ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ ނިސްބަތުން ބަލާނަމަ 55 އިންސައްތަ މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައެވެ. އަދި 35 އިންސައްތަ މީހުން ވަނީ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައެވެ. މާލެއަށް ބަލާލާނަމަ މާލޭގެ 61 އިންސައްތަ މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކުރިއިރު، 37 އިންސައްތަ މީހުން ވަނީ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައެވެ. އަތޮޅުތެރޭގައި 76 އިންސައްތަ މީހުން ފުރަތަމަ ޑޯޒް ފުރިހަމަ ކުރިއިރު، 47 އިންސައްތަ މީހުން ވަނީ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top