Close

ފުވައްމުލައް ސިޓީ ކައުންސިލާއި ރައީސް ޞާލިޙް ބައްދަލުކުރައްވައިފި

ފުވައްމުލައް ސިޓީ ކައުންސިލާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު އޮންލައިންކޮށް ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ލާމަރުކަޒީ ޤާނޫނާއެކު އަލަށް އިންތިޚާބުވެވަޑައިގަތް ކައުންސިލަށް ސަރުކާރުގެ ފަރާތުން މަރުޚަބާ ވިދާޅުވެ، ކައުންސިލްތަކަކީ ކުރިޔަށްއޮތް ދުވަސްތަކުގައި ސަރުކާރުން ތަރައްޤީގެ މަގުގައި ކުރައްވާ މަސައްކަތުގެ މުހިއްމު ބައިވެރިއެއްކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައިފުވައްމުލައް ސިޓީގައި ކުރިޔަށްދާ މަޝްރޫޢުތަކާއި ދިމާވެފައިވާ އެކިއެކި މައްސަލަތަކަށް ހައްލު ހޯދުމަށްފުވައްމުލައް ސިޓީ ކައުންސިލްގެ މޭޔަރު އިސްމާޢީލް ރަފީޤް މަޝްވަރާ ކުރައްވާފައިވެއެވެ.

މިހާރު ފުވައްމުލަކުގައި ސަރުކާރުން ކުރިއަށްގެންދާ މަގުހެދުމުގެ މަޝްރޫޢުގެ ތެރެއަށް ސްޓޯރމްވޯޓަރ ޑްރެއިން އަދި ފަޔަރ ހައިޑްރަންޓް ހިމެނުމަކީ ވަރަށް މުހިއްމުކަމެއްކަމުގައި އަދި ޞިއްޙީދާއިރާގެ ތަރައްޤީއަށް ފުވައްމުލަކުގައި ސަރުކާރުން އަލަށް ޤާއިމްކުރުމަށް ހަމަޖެހިފައިވާ 30 އެނދުގެ އައު ހޮސްޕިޓަލުގެ މަސައްކަތް ކުރިޔަށް ދާގޮތުގެ ތަފްސީލުތަކުގެ އިތުރުން ކުނީގެ މައްސަލަ ހައްލުކުރުމަށް ހުރި ޕްލޭންތަކާއި ފުވައްމުލަކުގައި ކުށްމަދު ކުރުމަށާއި އަމާންވެއްޓެއް ޤާއިމްކުރުމަށް ހުރި ހުރަސްތަކުގެ މައްޗަށް އަލިއަޅުވާލައި ކައުންސިލުން ވަނީ މި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވާފައެވެ.އަދި ފުވައްމުލަކު ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމުގައި ސަރުކާރުގެ އެހީތެރިކަން ބޭނުންވާކަން އެ ކައުންސިލުން ފާހަގަކުރެއްވިއެވެ.

ކައުންސިލުން ހިއްސާކުރެއްވި ނުކުތާ ތަކަށް ރައްދު ދެއްވަމުން ރަށްރަށުގައި ބޯހިޔާވަހިކަމަށް ހުރި ދަތިކަން ހައްލުކުރުމަށް ސަރުކާރުން 1.5 ބިލިއަން ރުފިޔާގެ މަޝްރޫޢެއް އަންނަ އަހަރު ފަށްޓަވަން ނިންމަވާފައިވާ ކަމަށާއި ޒަމާނުންސުރެ ކުނި ގިނަވެ ޒަމާންތަކެއްވަންދެން ހައްލުނުވެ ހުރި ރަށްތަކުގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ޚާއްޞަ މަސައްކަތެއް ކުރައްވަމުން ގެންދަވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.އަދި އެގޮތުން ފުވައްމުލަކުގެ ކުނި ނެގުމުގެ މަސައްކަތަކީ ޚާއްޞަ އިސްކަމެއް ދީގެން ކުރެވެމުންދާ މަސައްކަތެއްކަން މި ބައްދަލުވުމުގައި ފާހަގަކުރައްވާފައިވެއެވެ.

ކުށްމަދު ކުރުމަށާއި އަމާންވެއްޓެއް ޤާއިމްކުރުމާ ބެހޭގޮތުން،ފުލުހުންގެ ޤާނޫނާއެކު މާސްޓަރޕްލޭނެއްގެ ތެރެއިން އެކި ސަރަޙައްދުތަކަށް ބަހާލެވިގެން 3 އަހަރު ދުވަހުގެ ތެރޭގައި ބޮޑެތި ބަދަލުތަކެއް ފެނިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. ‎އަދި ރަށްރަށަށް ބޭނުންވާ އަދަދަށް ފުލުހުން އިތުރުކުރުމުގެ މަސައްކަތަކީވެސް ކުރިއަށްދާ ‎މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ އައު މެނޭޖްމަންޓާއެކު ފަރުވާއަށް ޚާއްޞަކުރެވިގެން ރަނގަޅު ބަދަލުތަކެއް އަންނާނެކަމުގެ އުއްމީދު ބޮޑުކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ފުވައްމުލަކުގައި ކޮވިޑަށް ޓެސްޓުކުރުމަށް ޕޮއިންޓް އޮފް ކެއަރ މެޝިނެއް ބެހެއްޓުމުގެ މަސައްކަތަށް އަންނަ ހަފްތާގައި ޓެކްނީޝަނުން އެސިޓީއަށް ދިއުމަށް ހަމަޖެހިފައިވާކަމަށާއި، ވޯލްޑް ބޭންކުގެ އެހީގައި ފުވައްމުލަކުގައި ބަހައްޓާ ޕީސީއާރު މެޝިން ސެޕްޓެމްބަރ މަހުގެ ނިޔަލަށް ޤާއިމްކުރެވިގެންދާނެކަން މިބައްދަލުވުމުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކައުންސިލްތަކަށް ދަތިވާ ކަންކަމުގައި ސަރުކާރުން އަބަދުވެސް އެހީތެރިވަމުން ގެންދަވާނެކަން ފާހަގަކުރެއްވިއެވެ. އަދި ކައުންސިލަރުން ހުށަހެޅުއްވި ކަންކަން ހައްލުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރަތަކާ ގުޅިގެން މަސައްކަތްކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top