ޒަރޫރީ ބޭނުންތަކަށް އައްޑޫ އާއި ފުވައްމުލަކާ ދެމެދު ފެރީގެ ހިދުމަތް ދޭން ނިންމައިފި އެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ސިއްހީ ހިދުމަތާ އެހެނިހެން ޒަރޫރީ ބޭނުންތަކަށް އައްޑޫސިޓީ އަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް މަގުފަހިކުރުމުގެ ގޮތުން އެމްޓީސީސީ އާއި މަޝްވަރާކޮށްފައިވާ ކަމަށާއި އެގޮތުން އައްޑޫ އާ ފުވައްމުލަކާ ދެމެދު ހަފްތާއަކު 2 ފެރީ، މޮނިޓަރިން އުވާލެވެންދެން ބޭއްވުމަށް އެއްބަސްވެފައިވާ ކަމަށެވެ.
އެހެންކަމުން އައްޑޫ އާ ފުވައްމުލަކާ ދެމެދު ދަތުރުކުރަން ބޭނުންވާ ފަރާތްތަކުން ފުވައްމުލަކު އީއޯސީއިން ހުއްދަ ހޯދަން ޖެހެއެވެ. ހުއްދަ ލިބުމަށް ފަހު އެމްޓީސީސީ އިން ޓިކެޓް ނަގައިގެން، މާދަމާއިން ފެށިގެން ދަތުރު އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އެއިއުލާނުގައި ވަނީ ބުނެފައެވެ.
މި ފެރީން ދަތުރުކުރައްވާއިރު މޮނިޓަރިންގެ ހާލަތުގައިވާ ރަށްރަށަށް ދަތުރު ކުރުމުގެ ގައިޑްލައިނާއި އެއްގޮތަށް އަމަލު ކުރުމަށް އެ ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.






