އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީ ހިމެނޭ ސަދަން ރީޖަނުގައި ފަތުރުވެރިކަން ކުރިއަރުވައި، ފަތުރުވެރިން އިތުރުކުރުމަށް ޓޫރިޒަމް މިނިސްޓްރީ އާއި ކަމާ ގުޅުން ހުރި ފަރާތްތައް ގުޅިގެން ޗާޓަރު ފްލައިޓުތަކެއް ބާއްވަން ހަމަޖައްސައިފި އެވެ.
ޓޫރިޒަމް މިނިސްޓަރީން މިކަމާއި ގުޅޭ މައުލޫމާތު ހިއްސާކުރަމުން ބުނެފައިވަނީ އައްޑު ސިޓީ ހިމެނޭ ސަރަހައްދުގައި ފަތުރުވެރިކަން ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކާއި އަދި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކާއެކު މަޝްވަރާތައް ކުރެވި، އެ ސަރަހައްދަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ހާއްސަ ޕެކޭޖެއް ތައާރަފު ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
އައްޑު ހިމެނޭ ސަރަހައްދަށް ފަތުރުވެރިން ގެނައުމުގެ ބޮޑު އަމާޒެއް މިނިސްޓްރީން ހިފާފައިވާއިރު، އައްޑޫގައި އޮޕަރޭޓްކުރާ ހުރިހާ ރިސޯޓެއް އޮޕަރޭޝަނަށް ގެނައުން މުހިންމު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.






