އައްޑޫ ސިޓީން އިތުރު 23 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އައްޑު ހޮސްޕިޓަލުން ބުނީ މިއަދު ހަވީރު 6 ޖެހުމާ ހަމައަށް ފެނުނު 23 ކޭސްގެ ތެރެއިން 19 ކޭސް ފެނިފައިވަނީ މަރަދޫ އިން ކަމަށްވާއިރު ހިތަދޫ އިން ދެ ކޭސް އަދި މަރަދޫފޭދޫން ވެސް ދެ ކޭސް ފެނިފައިވާ ކަމަށެވެ. މީގެތެރޭގައި ހިމެނެނީ 20 ޑައިރެކްޓް ކޮންޓެކްޓުންނާއި، ދެ ފްލޫ ސާމްޕަލްގެ އިތުރުން ރެންޑަމް ސާމްޕަލް އެކެވެ. މި އެންމެންނަކީ ވެސް ދިވެހިންނެވެ.
އައްޑޫގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް ކޭސް މިހާރު އުޅެނީ މަރަދޫގައެވެ. އެގޮތުން މަރަދޫގައި ކޮވިޑްގެ 79 ކޭސް އުޅޭއިރު، ހިތަދޫގައި ފަސް ކޭސް، ފޭދޫގައި އެކްޓިވް ހަ ކޭސް، މަރަދޫފޭދޫގައި 9 ކޭސް އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. އެއާއެކު އައްޑޫގެ މުޅި ޖުމްލަ އެކްޓިވް ކޭސްގެ އަދަދު ވަނީ 99 އަށް އަރާފައެވެ.
ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 550 މީހުން ރަނގަޅުވެފައިވާއިރު، ދެ މީހަކަށް އަންނަނީ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންނެވެ. އަދި މި ބަލީގައި ދެ މީހަކު ވަނީ އައްޑޫ އިން ނިޔާވެފައެވެ.






