ކުށުގެ ބިރުވެރިކަން ކުޑަކޮށް، މުޖުތަމައު ހޭލުންތެރިކުރުމުގެ ގޮތުން އަޕަރ ސައުތު ޕޮލިސް ޑިވިޜަންގައި ހިމެނޭ ގއ. އަތޮޅުގެ ބައެއް ރަށްތަކުގައި ހަރަކާތްތަކެއް ފުލުހުން ހިންގައިފިއެވެ.
ފުލުހުން ބުނެފައިވަނީ މިފާއިތުވި 2 ހަފްތާ ތެރޭގައި ގއ.އަތޮޅުގެ 6 ރަށެއްގައި ޓްރެފިކް އޮޕަރޭޝަނަކާއި 4 ރަށެއްގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ އިތުރުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ހިންގާފައިވާ ކަމަށެވެ.
ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސް ޑިޕާޓްމަންޓާއި ފުލުހުންގެ ފޮރެންސިކް ޑިޕާޓްމަންޓު އަދި ގއ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި މިޓްރެފިކް އޮޕަރޭޝަނުގައި ގއ. ވިލިނގިލިން 30 އުޅަނދާއި، ކޮލަމާފުށިން 17 އުޅަނދާއި ގެމަނަފުށިން 12 އުޅަނދާއި ކަނޑުހުޅުދޫ އަދި ނިލަންދޫން 10 އުޅަނދު ބަލައިފާސްކޮށްފައިވާނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މީގެއިތުރުން މަސްތުވާތަކެތީގެ އޮޕަރޭޝަންތައް ކުރިއަށް ގެެންދިޔަ ރަށްތަކުގެ ތެެރޭގައި ގއ. ވިލިިނގިއްޔާއި ދާންދޫއާއި މާމެންދޫ އަދި ގެމަނަފުށި ހިމެނެއެވެ. އަދި އެއްގަމު ދަތުރުފަތުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ހުންނަންޖެހޭ ސްޓިކާތައް ހަމައަށް ހުރިތޯއާއި ޓްރެފިކް އެހެނިހެން ވައިލޭޝަންތައް މިއޮޕަރޭޝަނުގައި ބަލާ ފާސްކޮށް ފައިވެއެވެ.
ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މި އޯގަސްޓް މަހުގެ 12 ވަނަ ދުވަހު ގއ. ކަނޑުހުޅުދޫ ޕޮލިސް ޑެސްކުން އެރަށުގެ ޒުވާނުންނަށް އަމާޒުކޮށް ދުޅަހެޔޮ ސިއްޙަތަކަށް އަހުލުވެރިކުރުމުގެ ގޮތުން ކޮންމެ ޒުވާނަކަށް ފެހި އާފަލެއް ހަދިޔާ ކުރުމުގެ އިތުރުން ޒުވާނުންނާ ފުލުހުންނާ ދެމެދު އޮތް ގުޅުން ބަދަހިކުރުމުގެ ގޮތުން ރަށުގެ ޒުވާނުންގެ ޓީމަކާއެކު ވޮލީމެޗެއް ވަނީ ކުޅެފައެވެ.
އަދި އެގޮތުން ވިޔަފާރިވެރިންނާއި ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ގއ. ނިލަންދޫ ޕޮލިސް ސްޓޭޝަނާއި ގއ. ގެމަނަފުށި ޕޮލިސް ސްޓޭޝަނާއި ކަނޑުހުޅުދޫ ޕޮލިސް ޑެސްކު އަދި މާމެންދޫ ޕޮލިސް ސްޓޭޝަނުން އެރަށްރަށުގައި ވިޔަފާރިކުރާ ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓް އަދި ގޭބިސީތަކަށް ވަނީ ޒިޔާރަތްކޮށްފައެވެ.
ބޭންކުތަކުގެ ނަމުގަޔާއި އެހެނިހެން ނަންނަމުގައި މަކަރާއި ޚީލަތުން ފައިސާ ހޯދަން ގުޅާ މައްސަލަތަކާއި، އޮންލައިން ވިޔަފާރިތަކުގައި ފޮނުވާ ސައްޚަ ނޫން ސްލިޕްތަކާ ގުޅޭގޮތުން މައުލޫމާތުދީފައިވެއެވެ. އަދި ވައްކަން ކުރާ މީހުންގެ ކިބައިން ސަލާމަތް ވުމުގެ ގޮތުން އެޅެންހުރި ރައްކާތެރި ފިޔަވަޅުތަކަށް ހޭލުންތެރިކުރުމުގެ ގޮތުން ލީފްލެޓެއް ވެސް ފުލުހުން ވަނީ އެފަރާތްތަކަށް ހަދިޔާ ކޮށްފައިވެއެވެ.






