ނ. ވެލިދުއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރަން ފެނަކަ ކޯޕަރޭޝަނުން 800 ކިލޯވޮޓުގެ ޖަނަރޭޓަރެއް އެ ރަށަށް ގެންގޮސްފިއެވެ.
އެ ކުންފުނިން ބުނިގޮތުގައި މިއީ އެ ރަށުގެ ކަރަންޓުގެ މައްސަލަ ހައްލުކޮށް ޑިމާންޑާ އެއްވަރަށް ކަރަންޓު ދޭން ގެންދެވުނު ޖަނަރޭޓަރެކެވެ. މި ޖަނަރޭޓަރު އެރަށްގެންދިޔައީ އިއްޔެއެވެ.
ފެނަކައިގެ ވެލިދޫ ބްރާންޗުން ބުނީ އެ ރަށުގެ 2600 މީހުންގެ އާބާދީއަށް ކަރަންޓު ފޯރުކޮށްދިނުމުގައި ގިނަ ދަތިތަކެއް ދިމާވާ ކަމަށެވެ. ނަމަވެސް މި ޖަނަރޭޓަރުގެސަބަބުން އެ ދަތިތަކަށް ހައްލު ލިބޭނެ ކަމަށް އެ ބްރާންޗުން ބުންޏެވެ.
މި ޖަނަރޭޓަރު އިންސްޓޯލްކޮށް ކަރަންޓު ދޭން ފެށުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ފެނަކައިން އަންނަނީ އެ ކުންފުނިން ހިދުމަތް ދޭ ރަށްތަކުގެ ކަރަންޓު ކެޕޭސިޓީ އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.






