އައްޑޫ ސިޓީން އިތުރު 15 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
އައްޑު ހޮސްޕިޓަލުން ބުނީ މިއަދު ހަވީރު 6 ޖެހުމާ ހަމައަށް ފެނުނު 15 ކޭސްގެ ތެރެއިން 8 ކޭސް ފެނިފައިވަނީ މަރަދޫ އިން ކަމަށެވެ. އަދި ހިތަދޫ އިން ހަ ކޭސް، ފޭދޫން އެއް ކޭސް ފެނިފައިވާ ކަމަށްވެސް ހޮސްޕިޓަލުން ބުނެއެވެ.
މީގެތެރޭގައި ހިމެނެނީ 9 ޑައިރެކްޓް ކޮންޓެކްޓުންނާއި، ދެ ފްލޫ ސާމްޕަލްގެ އިތުރުން ހަތަރު ރެންޑަމް ސާމްޕަލް އެވެ.
އައްޑޫގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް ކޭސް މިހާރު އުޅެނީ މަރަދޫގައެވެ. އެގޮތުން މަރަދޫގައި ކޮވިޑްގެ 117 ކޭސް އުޅޭއިރު، ހިތަދޫގައި 65 ކޭސް، ފޭދޫގައި އެކްޓިވް 21 ކޭސް، މަރަދޫފޭދޫގައި 11 ކޭސް އަދި ހުޅުދޫ އާއި ގަމުގައި އެއް ކޭސް އަދި މީދޫގައި 13 އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. އެއާއެކު އައްޑޫގެ މުޅި ޖުމްލަ އެކްޓިވް ކޭސްގެ އަދަދު ވަނީ 229 އަށް އަރާފައެވެ.
އައްޑޫ ކޮވިޑް ފެސިލިޓީގައި ހަތަރު މީހަކަށް ފަރުވާ ދެމުންދާއިރު، މި ބަލީގައި އައްޑޫ އިން ވަނީ ތިން މީހަކު ނިޔާވެފައެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކޮވިޑް ކޭސްތައް ގިނަ އަދަދަކަށް ފެންނަމުން ދިޔުމާ ގުޅިގެން އެޗްޕީއޭ އިން އެ ރަށްތައް މޮނީޓަރިން ހާލަތަށް ގެނެސްފައެވެ.






