ކުންފުންޏާ ބެހޭ އާ ގާނޫނެއް އެކުލަވާލައި އާއްމުންހެ ހިޔާލު ހޯދަން އިއުލާން ކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މިހާރު އަމަލު ކުރަމުން އަންނަ ގާނޫނަކީ 25 އަހަރުވެފައިވާ ގާނުނެއް ކަމަށްވުމުން ބަދަލު ގެންނަން ޖެހިފައިވާ ކަމަށެވެ. އަދި ކުރިއަރާފައިވާ ގައުމުތަކުން ވެސް ކުންފުނިތަކުގެ ގާނޫނަށް ޒަމާނީ ބަދަލުތައް ގެނެސް، އިންވެސްޓްމަންޓުތަކަށް ފަހި، ދެ ފުށް ފެންނަ މިންގަނޑުތައް ހިޔާރުކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މި ގާނޫނު ފާސްވުމާއެކު މިހާރު އަމަލު ކުރަމުން އަންނަ ގާނޫނު އުވާލާނެއެވެ. މިއީ 1996 ވަނަ އަހަރުން ހެދި ގާނޫނެކެވެ.
މި ގާނޫނުގެ ސަބަބުން ވިޔަފާރިތަކަށް ފަހި މާހައުލެއް އޮތް ގައުމުތަކުގެ ރޭންކިންގައި ކުރިއެރުމަށް ރާއްޖެއަށް އޮތް ހުރަސްތައް ނައްތާލައި، ކުންފުނި އުފެއްދުމާއި ހިންގުމާއި އުވާލުމުގެ ކަންކަމުގައި މިހާރު ދިމާވާ ދަތިތަކަށް ހައްލުތަކެއް ހޯދޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. އަދި އިންވެސްޓްމަންޓް ކުންފުނި އުފެއްދުމަށް އެކަށީގެންވާ ބާވަތެއްގެ ގޮތުގައި ޕަބްލިކް ކުންފުނިތަކުގެ ގާނޫނީ ނިޒާމު ބަދަލުކޮށް، ކުންފުނީގެ ގާނޫނީ ނިޒާމު، ޒަމާނާ އެއްގޮތަށް ތަރައްގީކޮށް، ޒަމާނީ ގާނޫނީ މަފްހޫމްތަކާއި އުސޫލުތައް ގެނެސް، އިލެކްޓްރޯނިކް ޒަރީއާއިން ހިދުމަތަށް އެދި، ހިދުމަތް ލިބިގަތުމުގައި އިތުބާރު ދެމެހެއްޓޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
މި ގާނޫނުގެ ދަށުން ގެންނަ އިސްލާހުތައް:
- ޕްރައިވެޓް ކުންފުންޏެއް އުފެއްދުމަށް މަދުވެގެން ދެ ހިއްސާދާރުން ތިބުމަށް އޮންނަ ޝަރުތު އުވާލައި، ސިންގަލް ޝެއާހޯލްޑަ ކުންފުނި އުފެއްދުމަށް މަގުފަހިކުރުން.
- ޕަބްލިކް ކުންފުންޏެއް އުފައްދާއިރު މަދުވެގެން 10 ހިއްސާދާރުން ނުވަތަ ޕްރޮމޯޓަރުން ތިބެން އޮންނަ ޝަރުތު އުވާލައި، ސިންގަލް ޝެއާހޯލްޑަ ކުންފުނި އުފެއްދުމަށް މަގުފަހިކުރުމާއި މި އޮނިގަނޑުގެ ދަށުން ހިންގާ ވިޔަފާރިތަކާއި އިންވެސްޓްމަންޓަށް ހާއްސަ ކުންފުނިތައް ރެގިއުލޭޓުކުރުމާއި ސެކިއުރިޓީޒް ދޫކުރުމުގައި އަމަލުކުރަންޖެހޭ ގަވާއިދުތައް ހަދާ ހިންގުމުގެ ބާރު މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނު ތަންފީޒުކުރާ ފަރާތައް މަތި ކުރުން.
- ކުންފުނީގެ ޑިރެކްޓަރަކަށް ވެވޭނީ ހިއްސާދާރަކަށް ކަމަށް އޮންނަ ޝަރުތު އުނިކޮށް، ކުންފުންޏަކަށް އިންވެސްޓްކުރާ ކޮންމެ ހިއްސާދާރެއް ޑިރެކްޓަރުންގެ ބޯޑުގައި ހުންނަން ލާޒިމުނުކޮށް، ހިއްސާދާރުންގެ ފަރާތުން ކުންފުނި ހިންގުމަށް ޕްރޮފެޝަނަލް ޑިރެކްޓަރުން އައްޔަންކުރަން ފުރުސަތު ފަހިކޮށްދިނުން.
- ޕްރައިވެޓް ކުންފުންޏެއްގައި ސެކްރެޓަރީއެއް ހުރުމަށް އޮންނަ ޝަރުތު އުނިކުރުން.
- ޕްރައިވެޓް ކުންފުނީގެ ހިންގާ ގަވާއިދުގެ "މޮޑެލް ހިންގާ ގަވާއިދެއް"، ޤާނޫނުގެ ދަށުން ގަވާއިދަކުން ކަނޑައަޅައި، ކުންފުނިތަކަށް އެ ގަވާއިދު އިހުތިޔާރުކުރުމަށް ފުރުސަތުދީ، ކުންފުނި އުފައްދާއިރާއި އޭގެ ފަހުންވެސް، ވަކިން ހިންގާ ގަވާއިދެއް ކުންފުނިން ލިޔެ ތައްޔާރުކޮށް ހުށަހެޅުމަށް ލާޒިމްކޮށްފައި އޮންނަ އޮތުން އުނިކުރުން.
- ކުންފުނީގެ އަސާސީ ގަވާއިދުގައި ކުންފުނީގެ "މަގުސަދު" ތަކުގެ ގޮތުގައި ވަކި ކަންކަން ކަނޑައެޅުމާއި، ކުންފުނީގެ ސިއްކައަކީ އިހުތިޔާރީ ކަމެއްގެ ގޮތުގައި ކަނޑައެޅުން.
- ކުންފުނީގެ އަހަރީ ފީ އުވާލައި، ކުންފުނީގެ ފަރާތުން މިނިސްޓްރީން ހޯދާ ހިދުމަތްތަކަށް ފީ ނެގުން.
- ޕްރޮފެޝަނަލް ޑިރެކްޓަރުންނަށް ފުރުސަތު އޮންނަ ގޮތަށް ބަދަލު ގެނެސް، މެންބަރުންގެ އިންވެސްޓްމަންޓް ހިމާޔަތްކުރުމަށްޓަކައި، ކުންފުނީގެ މެންބަރުންގެ ހައްގުތަކާއި ބާރުތައް ކަނޑައަޅައި ބަޔާންކުރުން.
- ޗެއާޕާސަންގެ ޒިންމާ ކަނޑައަޅައި، ކުންފުނީގެ ޑިރެކްޓަރުންގެ ޝަރުތުތަކާއި، ބާރުތަކާއި، މަސްއޫލިއްޔަތުތައް ކަނޑައަޅައި ބަޔާންކުރުން.
- ކުންފުނީގެ ހިއްސާގެ މިލްކުވެރި ފަރާތުގެ ގޮތުގައި މެންބަރުންގެ ދަފްތަރުގައި ބަޔާންކުރާ މެންބަރަކީ ފަރުދަކު ނޫންނަމަ، އެ ހިއްސާއެއްގެ ބެނެފިޝަލް އޯނަރުގެ މައުލޫމާތު ކުންފުންޏަށް އަންގައި، ކުންފުނީގައި ރަޖިސްޓްރީކުރުން.
- ފޮރިން އިންވެސްޓަމަންޓް ކުންފުނިތަކާއި ސަރުކާރުގެ ކުންފުނިތަކުގެ ގާނޫނީ ނިޒާމު އިތުރަށް ހަރުދަނާކުރުން.
މި ގާނޫނަށް ހިޔާލު ހުށަހެޅޭނީ މި މަހުގެ 12 ވަނަ ދުވަހުގެ ކުރިންނެވެ. މިނިސްޓްރީގެ މެއިލް [email protected] މެދުވެރިކޮށް ހިޔާލު ހުށަހެޅޭނެއެވެ.






