އެސްޓީއޯއިން ރާއްޖޭގައި ޑިޖިޓަލް ބޭންކިން ހިދުމަތް ފެށުމަށް ލައިސަންސް ހޯދަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ލިޔެކިޔުންތައް ހުށަހަޅައިފި އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މިއަދު ވިދާޅުވީ ޑިޖިޓަލް ބޭންކަކީ ރާއްޖޭގެ ތަރައްގީއަށް މުހިންމު ހިދުމަތެއް ކަމަށާއި ބޭންކުގެ މަސައްކަތް އަންނަ އަހަރު ނިންމޭނެ ކަމަށެވެ. މި ބޭންކުގެ ސަބަބުން ވިޔަފާރިތަކަށް ފައިދާވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަމްރު ވިދާޅުވިގޮތުގައި މިއީ ކޮންނެ މީހަކަށްވރސް ފަސޭހަ ކަމާއެކު ބޭނުން ކުރެވޭނެ ހިދުމަތެކެވެ. އަދި ކުޑަ ވަގުތުކޮޅެއްގެ ތެރޭ ހިދުމަތް ހޯދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
“އެކައުންޓު ހުޅުވަންވެސް އެހާ ގިނަ ވަގުތެއް ނުނަގާނެ. އަމިއްލައަށް އެކައުންޓު ހުޅުވައި ލޯނަށް ވެސް އެދެވޭނެ. 60 ސިކުންތު ތެރޭ ލޯނަށް އެދި އެ ލޯނުގެ ފައިސާ އެކައުންޓަށްވެސް ޖަމާވާނެ” އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވިގޮތުގައި އެމްއެމްއޭއިން ލައިސަންސް ލިބެން ތިން މަސް ދުވަސް ނަގާނެއެވެ.
މިއީ އެސްޓީއޯ އިން ޒަމާނީ ހިދުމަތްތައް ތައާރަފުކޮށް، ކުންފުނީގެ މާލީ ވިޔަފާރި އިތުރަށް ފުޅާކުރުމުގެ ގޮތުން ކުރާ މަސައްކަތެކެވެ.






