ދުނިޔޭގެ ކަނޑުތަކުން ކަޅުބިލަމަހުގެ ބާވަތްތައް ހުސްވެދާނެ ކަމުގެ ބިރު ކުޑަވާން ފަށައިފިކަމަށް ދިރާސާތަކުން ދައްކައިފިއެވެ.
ފްރާންސްގެ މާސިލީގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ޔުނިއަން ފޯ ދަ ކޮންޒަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން) ގެ ވޯލްޑް ކޮންގްރެސްގައި އާންމުކުރި މައުލޫމާތުތަކުގައި ބުނެފައިވާ ގޮތުގައި ކަޅުބިލަމަހުގެ އާބާދީ ހުސްވެދާނެކަމުގެ ބިރު ހީވެފައި ވަނިކޮށް، ފާއިތުވި 10 އަހަރުގެ ތެރޭގައި ކުރި މަސައްކަތްތަކުން މަހުގެ އާބާދީ ވަނީ އިތުރުވެފައެވެ. ނަމަވެސް ކަނޑުމަހުގެ ބައެއް ބާވަތްތަކުގެ އާބާދީ އަދިވެސް ވަރަށް މަދު ކަމަށް އެ ދިރާސާގައި ވަނީ ބުނެފައެވެ.
އާބާދީ އިތުރުވެފައިވާ ކަނޑުމަހުގެ ބާވަތްތަކުގެ ތެރޭގައި އެޓްލާންޓިކް ބްލޫފިން ޓޫނާ އާއި ސަދަން ބްލޫފިން ޓޫނާ އާއި އަލްބަކޯ އާއި ޔެލޯފިން ޓޫނާ ހިމެނެއެވެ.
ކަނޑުމަހުގެ ބާވަތްތަކުގެ އިތުރުން މިޔަރާއި މަޑީގެ ބާވަތްތައްވެސް މިހާރު ނެތިދިއުމުގެ ބިރު އެބައޮތް ކަމަށް އެ ދިރާސާއިން ދައްކައެވެ. އެގޮތުން ކޮންމެ 10 ބާވަތުގެ މިޔަރުން އެއް ބާވަތް އަދި މަޑީގެ ވެސް 10 ބާވަތުން އެް ބާވަތް ނެތިދާނެ ކަމަށް ވަނީ ލަފަ ކޮށްފައެވެ.






