Close

ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމެއް ފިޔޯރީގައި ކުރިއަށް ގެންގޮސްފި

ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ގދ. ފިޔޯރީ ސްކޫލު ދަރިވަރުންނާއި ބެލެނިވެރިންނަށް ހާއްސަކޮށް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ބުނެފައިވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނާއި އިންޓަނެޓު މެދުވެރިކޮށް ކުރާ ކުށްތަކާއި ބެހޭގޮތުން ހޭލުންތެރި ކުރުވުމަށް މިޕްރޮގްރާމްގައި މައުލޫމާތު ދީފައިވާނެ ކަމަށެވެ.

އެގޮތުން ސެޕްޓެމްބަރ މަހުގެ 6 ވަނަ ދުވަހު ކުރިއަށް ގެންގޮސްފައިވާ މި ޕްރޮގްރާމްގައި ވަނީ އުމުރާ ގުޅިގެން ކުދިންނަށް އަންނަމުންދާ ބަދަލުތައް ދެނެގަންނާނެ ގޮތްތަކާއި، ދަރިންގެ އިހުސާސްތައް ދެނެގަންނާނެ ގޮތްތަކާއި މުޖުތަމައުގައި ހިނގާ ނޭދެވޭ އަމަލުތަކުން ދަރިން ދުރުކުރުމަށް ބެލެނިވެރިންނަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ. އަދި ދަރިން ތަރުބިއްޔަތު ކުރުމުގައި ދަރިންގެ މެދުގައި ތަފާތު ކުރުމެއްނެތި ބެލެނިވެރިންނާއެކު ރަނގަޅު ގުޅުމެއް ބޭއްވުމަށް ކުރެވިދާނެ ކަންތައްތަކުގެ މައުލޫމާތު ވެސް މި ޕްރޮގްރާމްގައި ވަނީ ދީފައެވެ.

މީގެ އިތުރުން، ކުޑަކުދިންނަށް އަމާޒުކޮށްގެން އިންޓަނެޓުގެ ޒަރީއާއިން ހިންގާ ކުށްތަކާއި އެފަދަ ކަންކަމުން ކުދިން ރައްކާތެރިކޮށް ދުރުހެލިވުމަށާއި އެކުދިންނަށް ކުރެވޭ އެކިކަހަލަ އަނިޔާތަކުގެ ނުރައްކާތެރިކަމާއި އެފަދަ ކަންކަމުގެ ސަބަބުން އެކުދިންނަށް ކުރާނެ ގޯސް އަސަރުތަކާއި އަދި އެކަންކަމުން އެކުދިން ސަލަމާތް ކޮށްދިނުމަށް ބެލެނިވެރިންގެ ހައިސިއްޔަތުން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވާނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އަދި ބެލެނިވެރިންނަށް ދަރިންނާމެދު ނޭނގި ވެވޭ އިހުމާލްތަކާއި އަދި އެފަދަ އިހްމާލެއް ވެވިއްޖެނަމަ ގާނޫނީ ގޮތުން އެކަމަށް އެޅޭނެ ފިޔަވަޅުތަކަކީ ކޮބައިކަމާއި ދަރިން ތަރުބިއްޔަތު ކުރުމުގައި ދަރިންގެ ބޭނުންތައް އޮޅުން ފިލުވުމަށް އިސްކަން ދިނުމުގެ ގޮތުން ކުރެވިދާނެ ކަންކަމަކީ ކޮބައިކަމާއި، ދަރިންނާއި ބެލެނިވެރިންނާއި ދެމެދު އޮންނަ ގުޅުން ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި މުޖުތަމައުގައި ހިނގަމުންދާ ނޭދެވޭ އަމަލުތަކުން ދަރިން ދުރުކުރުމަށް މަސައްކަތްކުރުމާއި ބެލެނިވެރިއެއްގެ ހައިސިއްޔަތުން ކުރެވިދާނެ ކަންތައްތަކާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ހިމެނޭ އެހެނިހެން މުހިންމު ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

ގދ. އަތޮޅުގެ ފެމެލީ އެންޑް ޗައިލްޑް ސަރވިސް ސެންޓަރުގެ ކޭސް ވޯކަރ އާއި ފިޔޯރީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި ފިޔޯރީ ސްކޫލުގެ މުދައްރިސުންނާއި ގިނަ އަދަދެއްގެ ބެލެނިވެރިން ބައިވެފައި ވާކަން ފާހަގަ ކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top