ގއ. ވިލިނގިލީގައި ގާއިމްކޮށްފައިވާ ކޮވިޑް ފެސިލިޓީއަށް ގެންދިޔުމުން އެ ރަށުގެ ރައްޔިތުން މަނާ ކުރުމުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ބަލި މީހާ މާލެ ގެންނަން ނިންމައިފިއެވެ.
ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް ގެންދިޔައީ ތިނަދޫއިން ކޮވިޑަށް ޕޮޒިޓިވްވި މީހާއެވެ. ގދ. އާއި ގއ. އަށް ކޮވިޑް ފެސިލިޓީ ގާއިމްކޮށްފައިވަނީ ވިލިނގިލީގައެވެ. އެމީހާ ރަށަށް ގެނެސް ފަރުވާ ދިނުމުގެ ތައްޔާރީތައް ވެސް އެ ފެސިލިޓީގައި ވަނީ ވެފައެވެ. ނަމަވެސް މީހާ ރަށަށް ނޭރުވުމުން އަނބުރާ ތިނަދޫ މިހާރު ވަނީ ގެންގޮސްފައެވެ. އެމީހާ ވިލިނގިލީ ފަޅު ތެރޭގައި ލޯންޗުގައި ތިން ގަޑިއިރެއްހާއިރު މަޑުކުރިއެވެ.
އެނގިފައިވާ ގޮތުގައި ބަލި މީހާއަކީ މީގެކުރިން ބޮޑު އޮޕަރޭޝަނެއް ކޮށްފައިވާ މީހެކެވެ. އެހެންވެ އެމީހާއަށް ފަރުވާ ދޭން ވަނީ ޖެހިފައެވެ. ފަރުވާ ދެވެން އޮތް ގޮތަކީ މާލެ ގެނެސްގެން ކަމަށްވާތީ މޯލްޑިވިއަންގެ ފްލައިޓެއްގައި އެމީހާ މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މިކަމާ ކަންބޮޑުވުން ފާޅު ކުރައްވައި ވިލިނގިލީގެ ކޮވިޑް ފެސިލިޓީ އެހެން ރަށަކަށް ބަދަލުކުރުމަށް ހުވަދޫގެ ބައެއް މަޖިލިސް މެންބަރުން ވަނީ ގޮވާލައްވާފައެވެ.
މަޑެވެލި ދާއިރާގެ މެންބަރު ހެސައިން ފިރުޝާން ވިދާޅުވީ ބަލި މީހާ ތިން ގަޑިއިރު ވަންދެން ފަޅު ތެރޭގައި އޮންނަން ޖެހުނުއިރު ފުލުހުންނަށް މިކަމުގައި ފިޔަވަޅެއް ނޭޅުމުން ކަންބޮޑުވާ ކަމަށެވެ. މުޒާހަރާ ކުރަން ތިބި މީހުން ބޮޑި އަޅުވައިގެން ހައްޔަރުކޮށްގެން ވިޔަސް ބަލި މީހާއަށް އެ ދޭން ޖެހޭ ފަރުވާ ދޭން ޖެހޭނެ ކަމަށެވެ. މީހެއްގެ ސިއްހީ ހިދުމަތަށް ހުރަސް ނޭޅޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.
ހުވަދޫ ރައްޔިތުންގެ ނަމުގައި ވިލިނގިލީގައި ހުރި ކޮވިޑް ފެސިލިޓީ އެހެން ރަށަކަށް ބަދަލު ކުރުމަށް ފިރުޝާން ގޮވާލެއްވިއެވެ.
"ރައްޔިތުން ތިބީ ހިތްހަމަނުޖެހިފައި ދެރަވެފައި ވަރަށް ދެރަ ކަމެއް، ހިނގައިދިޔަ ގޮތެއް ބަލައި ހުރަސް އެޅި މީހުންނަށް ހަރުކަށި އަދަބު ދޭން ގޮވާލަން،" ފިރުޝާން ވިދާޅުވިއެވެ.
ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފު ވިދާޅުވީ ވިލިނގިލީގައި ފެސިލިޓީ ހެދުމުގެ ސަބަބުން މުޅި ހުވަދޫ ރައްޔިތުންނަށް ކޮވިޑް ފެސިލިޓީއިން މަހުރޫމްވެގެން ދިޔައީ ކަމަށެވެ. އެހެންކަމުން އެ ފެސިލިޓީ ތިނަދޫ ނުވަތަ އެހެން ރަށަކަށް ނަމަވެސް ބަދަލު ކުރަން އެބަޖެހޭ ކަމަށެވެ.
"ސަރުކާރުގެ ބާރާއި ނުފޫޒު ނުފޯރާ ތަނެއްގައި ދައުލަތުގެ އެއްވެސް އިދާރާއެއް ބެހެއްޓިގެން ނުވާނެ، މިހާރުން މިހާރަށް ބަދަލުކޮށް އެހެން ތަނެއްގައި ހިދުމަތް ދިނުމަށް ފަށަން ގޮވާލަން،" ސަނީފް ވިދާޅުވިއެވެ.






