އއ. އުކުޅަސް ބަނދަރުގެ އެއްގަމުތޮށި ލުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ބުނީ މި މަޝްރޫއުގެ 84 އިންސައްތަ މަސައްކަތް މިހާރު ނިމިފައި ވާކަމަށެވެ. އަދި ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ނިމިފައިވާ ވާކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މިއީ 19.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން 19,630 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 31 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 136 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ. އަދި 138.73 މީޓަރުގެ ޖެޓީއެއް ހެދުމާއި، 580 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.






