ގދ ފަރެސްމާތޮޑާގެ މޮނީޓަރިންގ ހާލަތު އުވާލައިފި އެވެ.
ފަރެސްމާތޮޑާގެ މޮނީޓަރިންގ ހާލަތު އުވާލީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި އެވެ. އެރަށް އާންމު ހާލަތަށް ގެނެސްފައިވަނީ މިދިޔަ ހޯމަ ދުވަހު އެރަށުން ނެގި ރެންޑަމް ސާމްޕަލްތަކުގެ ނަތީޖާ ލިބުމާއި އެކު އެރަށުގެ މުޖުތަމައުގެ ތެރޭގައި ކޮވިޑް-19 ގައި އިތުރު ކޭސްތަކެއް ނެތްކަން ޔަޤީން ވުމާއި އެކުއެވެ.
ފަރެސްމާތޮޑާގެ މުޖުތަމައު ތެރެއިން ކޮވިޑް-19 ގެ ކޭސް އެއް ނުފެންނަތާ ހަފްތާއަކަށްވުރެ ގިނަ ދުވަސް މިހާރު ވަނީ ވެފައި އެވެ. ރެންޑަމް ކޭސްތަކެއް ނުފެންނަތާ ހަފްތާއެއް ވި ނަމަވެސް އެރަށުން އަދިވެސް މަދުމަދުން ކޭސްތަކެއް ދަނީ ފެންނަމުންނެވެ.
އެގޮތުން މިހާރު އެރަށުން ޕޮޒިޓިވްވަމުން އަންނަނީ ކުރިން ޕޮޮޒިޓިވްވި ކޭސްތަކާއި ގުޅިގެން ކަރަންޓީނު ކުރެވިފައިބތިބި ޑައިރެކްޓް ކޮންޓެކްޓުން ނެވެ. އެރަށުން އެންމެ ފަހުން ކޭސްއެއް ފެނިފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެދުވަހު އެރަށުން ޕޮޮޒިޓިވްވެފައިވަނީ ވެސް ކޮންޓެކްޓް ޓްރޭސިންގ ތެރެއިން ފާހަގަކުރެވި ކަރަންޓީނު ކުރެވިފައި ހުރި ފަރާތެކެވެ.
އެރަށުން މިހާތަނަށް 10 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު މިހާތަނަށް އެއިން އެއްވެސް މީހަކު ބަލިން ފަސޭހަވެފައި ނުވާތީ އެރަށުގެ އެކްޓިވް ކޭސްގެ އަދަދަކީ ވެސް 10 އެވެ.
އެރަށް މޮނީޓަރިންގ ހާލަތަށް ގެނެސްފައިވަނީ މިމަހުގެ 3 ވަނަ ދުވަހު އެވެ.






