އިނގިރޭސިވިލާތުގެ ރެޑް ލިސްޓުން ރާއްޖެ ނަގައިފިއެވެ.
އެ ގައުމުގެ ރެޑް ލިސްޓުން ރާއްޖެ ނަގާފައި މިވަނީ 4 މަހަށް ފަހުއެވެ. ރާއްޖޭގެ ކޯވިޑްގެ ހާލަތު ރަނގަޅުވިނަމަވެސް ރެޑް ލިސްޓުން ނުނަގާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކޮށްފައި ވެއެވެ.
އިނގިރޭސި ވިލާތުން ގައުމުތައް ގިންތި ކުރުމުގައި 4 ލިސްޓެއް ގެންގުޅެއެވެ. އެއީ ގްރީން، އެމްބާ، އެމްބާ ޕްލަސް އަދި ރެޑް ލިސްޓެވެ. މިދިޔަ ބުދަ ދުވަހުގެ ރިވިއުގައި އިނގިރޭސި ވިލާތުގެ ޓްރެވެލް ލިސްޓުގައި ރާއްޖެ ހިމެނީ އެމްބާ ލިސްޓުގައެވެ.
މި ލިސްޓުގައި ހިމެނުމުން ރާއްޖެއަށް އަންނަ އިނގިރޭސި ވިލާތުގެ ފަތުރުވެރިން އެނބުރި ގައުމަށް ގޮސް ހޮޓާތަކުގައި ކަރަންޓީންވުމުގެ ބަދަލުގައި ގޭގައި ކަރަންޓީން ވެވޭނެ އެވެ. އަދި އެ ގައުމުންނާއި ޑަބްލިއުއެޗްއޯއިން ގަބޫލުކުރާ ވެކްސިނެއް ފުރިހަމަކޮށްފައިވާ ނަމަ ޕީސީއާރް ޓެސްޓް ހަދާކަށް ވެސް ނުޖެހޭނެއެވެ.
އިނގިރޭސވިލާތަކީ ކޮވިޑްގެ ހާލަތުގައި ވެސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް ގައުމެވެ. ނަމަވެސް އެ ގައުމުގެ ރެޑް ލިސްޓުގައި ރާއްޖެ ހިމެނުމުން އަދަދުތައް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.






