ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި އައްޑޫ އިން ހައްޔަރު ކުރި ފުލުސް މީހާ ވަޒީފާއިން ސަސްޕެންޑްކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިސަރ މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރު ކުރެވުނު ސަބްއިންސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ނަޒުމީން (ސ.ނަންބަރު 3488) އަށް މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކުރީ ވަޒީފާއާއި ބެހޭ ގަވާއިދުގެ 65 ވަނަ މާއްދާގެ (ނ) އަށް ރިއާޔަތް ކޮށެވެ.
އެގޮތުން މި ސެޕްޓެމްބަރ މަހުގެ 16 ވީ ބުރާސްފތި ދުވަހުގެރޭ ނަޒުމީން ހައްޔަރު ކުރެވިފައިވާއިރު، ޝަރީޢަތް ނިމެންދެން ފުލުހުންގެ ބަންދުގައި އޭނާ ބެހެއްޓުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އަންގާފައެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި 16 އަހަރުގެ އަންހެންކުއްޖަކަށް އެކުއްޖާގެ އުމުރުން 14 އަހަރުން ފެށިގެން ޖިންސީ ގޯނާ ކުރިކަމުގެ މިމައްސަލަ ސައުތު ޕޮލިސް ޑިވިޝަން (އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ) އަށް ހުށައަޅާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އަދި މި މައްސަލަ އެފްސީޕީ އާއި އައްޑޫ ސިޓީ ޕޮލިސް ގުޅިގެން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.






