ފެރީގެ ނިޒާމަކުން ހުރިހާ ރަށެއް ގުޅުވާލުމަށް ޕްލޭނިން މިނިސްޓްރީއާއި އެމްޓީސީސީ ގުޅިގެން ފެށި ފެރީ ނެޓްވޯކުގެ ފުރަތަމަ ލޯންޗު މިއަދު ބާލައިފިއެވެ.
މި ފެރީ ބާލައިފައިވަނީ މިއަދު އެމްޓީސީސީ ބޯޓުޔާޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓްރީ އާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ލޯންޗު މޫދަށް ބޭލުމުގެ ވީޑިއޯއެއް ޓްވީޓު ކުރައްވައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ވައުދުފުޅު ފުއްދެވުމަށް އެ ކުންފުނީގެ މުވައްޒަފުން ކުރަމުން އަންނަ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޕްލޭނިން މިނިސްޓަރު އަސްލަމް ދެއްވާ ލަފަޔަށް ވެސް އާޒިމް ޝުކުރު އަދާކުރެއްވިއެވެ.
ޕްލޭނިން މިނިސްޓްރީން ބުނިގޮތުގައި އިންޖީނު ކޮމިޝަންކޮށް ޓެސްޓްކުރުމަށްފަހު މި ހަފްތާގެ ތެރޭގައި ސީ ޓްރަޔަލް ފަށާނެއެވެ. އަދި
އަމާޒަކީ ފުރަތަމަ ޒޯންގެ ދަތުރުތައް މި އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައި ފެށުން ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
މިހާރު އެމްޓީސީސީން ބޭނުންކުރާ އުޅަނދު ތަކާބަލާއިރު މި ފެރީތައް ތިން ގުނަ ބާރުމިނުގައި ދަތުރުކުރާނެއެވެ. އަދި ފެރީއެއްގައި 50 މީހުންނަށް އެއްފަހަރާ ދަތުރުކުރެވޭނެއެވެ.
މި ފެރީތައް ފަރުމާ ކުރަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ފަސޭހައި ދަތުރުކުރެވޭ ގޮތަށެވެ.
މި ނިޒާމުފެ ދަށުން އެންމެ ފުރަތަމަ ދަތުރުތައް ފަށާނީ ހއ، ހދ، އަދި ށ އަތޮޅުގައެވެ.






