ޕީސީއާރު ޓެސްޓު ނުހަދައި ދަތުރު ކުރެވޭ ރަށްތަކުގެ ލިސްޓަށް ފުވައްމުލައް ސިޓީ ހިމަނައިފި އެވެ.
އެޗްޕީއޭގެ ގަވާއިދުގައިވާ ގޮތުން ވެކްސިން ޖަހާ އުމުރުފުރައިގެ 90 އިންސައްތަ މީހުން ވެކްސިން ފުރިހަމަ ކޮށްފައިވާ ރަށްތަކަށް ޕީސީއާރު ޓެސްޓްއަކާއި ނުލާ ދަތުރުކުރެވޭއިރު މިލިސްޓުގައި މިހާރު ވަނީ ފުވައްމުލަކާއި އެކު ޖުމްލަ 88 ރަށް ހިމެނިފައެވެ. އެގޮތުން މިގަވާއިދާއި އެއް ގޮތަށް އަމަލު ކުރަން ފަށާފައިވަނީ ސެޕްޓެމްބަރ މަހުގެ 1 ވަނަ ދުވަހުންް ފެށިގެންނެވެ.
މީގެ އިތުރުން އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި ޕީސީއާރު ޓެސްޓް އަކާއި ނުލާ ދަތުރުކުރުމުގެ ހުއްދަ ލިބިފައިވާ ރަށްތަކަކީ 12 އަހަރުން މަތީގެ އާބާދީގެ 90 އިންސައްތަ މީހުން ވެކްސިން ޖަހާފައި ވުމާއި އެކު 65 އަހަރުން މަތީގެ މީހުންގެ ވެސް 90 އިންސައްތަ މީހުން ވެކްސިން ފުރިހަމަ ކޮށްފައިވާ ރަށްތަކެވެ.
އެގޮތުން މި މިންގަނޑަށް ފެތިފައިވާ އިތުރު ރަށްތަކެއް މިއަދު އެޗްޕީއޭއިން އިއުލާން ކޮށްފާވާއިރު ފުވައްމުލަކު ސިޓީއަކީ އެ ލިސްޓުގައި ހިމެނޭ އެންމެ އާބާދީ ބޮޑު ރަށްކަން ފާހަގަ ކޮށްލެވެެއެވެ.






