ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފި އެވެ.
ފުލުހުން ބުނެފައިވަނީ ނައްތާލާފައިވަނީ 2021 ވަނަ އަހަރުގެ އޭޕްރީލް 5 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރ 21 ވަނަ ދުވަހުގެ ނިޔަލަށް ގއ.ކޫއްޑޫ ޑޮމެސްޓިކް އެއަރޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ، އެކި ބްރޭންޑްތަކުގެ 585 ބަނގުރާ ފުޅި އާއި 201 ބިއަރު ދަޅު ކަމަށެވެ.
ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާއާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށް އެކުލަވާލާފައިވާ ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
މިތަކެތި ނައްތާލާފައި ވަނީ މި ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ވިލިނގިލި ޕޮލިސް ސްޓޭޝަންގައެވެ.






