12 ވަނަ ވޯރލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯރޓްސް ޗެމްޕިއަންޝިޕް އިން ރާއްޖޭގެ 4 ބައިވެރިއަކަށް ފުރިހަމަ ކާމިޔާބެއް ލިބިއްޖެ އެވެ.
މި 4 ބައިވެރިންގެ ތެރޭގައި ހިމެނެނީ އެ މުބާރާތުން ރިހި މެޑަލް ހޯދި މުޙައްމަދު މޫސާ އަދި މުޙައްމަދު ރަޝީދު އާއި ބްރޯންޒް މެޑަލް ހޯދި އަޒްނީން ރަޝީދު އަދު ހުސައިން ހިމްޔާން އެވެ.
މި މުބާރަތަކީ މި ހިންގާ އޮކްޓޯބަރު މަހުގެ 1 އިން 7 އަށް އުޒުބަކިސްތާނުގެ ޓަޝްކެންޓްގައި ކުރިޔަށް ގެންދެވުނު މުބާރާތެކެވެ. މި މުބާރާތުގައި 20 އަށް ވުރެ ގިނަ ގައުމު ތަކުން ބައިވެރިވެފައިވެއެވެ.
ރާއްޖޭގެ ބޮޑީބިލްޑިން އެސޯސިއޭޝަނުން ހާމަކުރައްވާފައި ވާގޮތުން ރިހި މެޑަލް ހޯދި މުޙައްމަދު މޫސާ އެ މެޑަލް ކާމިޔާބު ކުރީ 55 ކިލޯ ބޮޑީބިލްޑިން ސީނިއާ މެން ކެޓަގަރީގައި ވާދަކޮށްގެންނެވެ. އަދި މުޙައްމަދު ރަޝީދުގެ ރިހި މެޑަލް ކަމިޔާބު ކުރީ 65 ކިލޯ ބޮޑީބިލްޑިން ސީނިއާ މެން ކެޓަގަރީގައި ވާދަކޮށްގެންނެވެ.
އަޒްނީން ރަޝީދު ބްރޯންޒް މެޑަލް ހޯދާފައި ވަނީ 170 ސެންޓިމީޓަރ ސްޕޯރޓްސް ފިޒީކް ކެޓަގަރީންނެވެ. އަދި ހުސައިން ހިމްޔާންގެ ބްރޯންޒް ކާމިޔާބުކޮށްފައި ވަނީ 175 ސެންޓިމީޓަރ ސްޕޯރޓްސް ފިޒީކް ކެޓަގަރީގައި ވާދަކޮށްގެންނެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއަޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ މި މުބާރާތުން މެޑަލް ހޯދި 4 ބައިވެރިންނަށް މަރުހަބާ ދަންނަވާފައެވެ. އަދި އެ ފަރާތްތަކުން އެ ހޯދި ކާމިޔާބީއާއި މެދު ފަޚުރުވެރި ވާކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.






