ވިސާ އާއި ނުލައި ދިވެހިންނަށް އިންޑިއާއަށް ދަތުރު ކުރެވޭ ގޮތް ހަދައިފިއެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދެގައުމުގެ ދެމެދުގައި 2018 ވަނަ އަހަރު އެކުލަވާލާފައިވާ ވިސާ އެގްރިމެންޓަށް އަމަލު ކުރުން ވަގުތީ ގޮތުން މެދުކަނޑާލީ ކޯވިޑް-19ގެ ސަބަބުން ކަމަށެވެ. ނަމަވެސް އެ އެއްބަސްވުމަށް އަލުން އަމަލު ކުރަން އިންޑިއާއިން ނިންމާފައިވާތީ އުފާ ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވިގޮތުގައި މި ނިންމުމަށް އަމަލު ކުރަން ފަށާނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.
މި އެގްރިމެންޓުގެ ދަށުން ސިއްހީ ފަރުވާ އާއި ވިޔަފާރި ބޭނުމަށް އަދި ފަތުރުވެރިންގެ ގޮތުގައި ވިސާއާ ނުލައި 90 ދުވަހަށް ދިވެހިންނަށް އިންޑިއާއަށް ދަތުރު ކުރެވޭނެއެވެ.






