އިމްޕޯޓާއި އެކްސްޕޯޓުން މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެއްޖެއެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓުން ލިބުނީ 281 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު 137 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް ލިބުނީ 119 މިލިއަން ރުފިޔާއެވެ.
މިދިޔަ މަހު ރާއްޖެއިން ބޭރު ކުރި މުދަލުގެ އަގު ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން މިދިޔަ މަހު 328 ރުފިޔާގެ މުދާ ބޭރު ކުރިއިރު މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު 13 އިންސައްތައިގެ ދަށްވުމެކެވެ.
މިދިޔަ މަހުގެ އެކްސްޕޯޓު ދަށްވި ނަމަވެސް އިމްޕޯޓު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިދިޔަ މަހު ރާއްޖެއަށް އެތެރެ ކުރީ 3.6 ބިލިއަން ރުފިޔާގެ މުދަލެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެތެރެ ކުރީ 1.9 ބިލިއަން ރުފިޔާގެ މުދަލެވެ.
މިދިޔަ މަހު އެންމެ ގިނައިން ރާއްޖެއަށް މުދާ އެެތެރެ ކުރީ އޮމާން އާއި ޗައިނާ އާއި އިންޑިއާއިންނެވެ. އަދި އެންމެ ގިނައިން އެކްސްޕޯޓު ކުރީ ތައިލެންޑާއި ޖަރުމަނާއި ޔޫކޭއަށެވެ.
ދައުލަތަށް މިދިޔަ މަހު ރޯޔަލްޓީގެ ގޮތުގައި ލިބުނީ 960،367.65 ރުފިޔާއެވެ.






