ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކްރެޑިޓް ކާޑުތަކުން ބޭރުގައި ވިޔަފާރި ކުރެވޭ ލިމިޓު އިތުރުކޮށްފިއެވެ.
އެ ބޭންކުން ނެރުނު ބަޔާނެއްގައި ބުނީ މިއަދުން ފެށިގެން އެމެރިކަން އެކްސްޕްރެސްގެ ގްރީން އަދި ގޯލްޑް ކާޑު ގެންގުޅޭ ކަސްޓަމަރުންނާއި ވިސާގެ ކްލެސިކް އަދި ގޯލްޑް ގެންގުޅޭ ކަސްޓަމަރުންނާއި މާސްޓަކާޑުގެ ސްޓޭންޑަޑް އަދި ގޯލްޑް ގެންގުޅޭ ކަސްޓަމަރުންނަށް 750 ޑޮލަރާ ހަމައަށް ބޭރު ގައުމުތަކުގައި މުއާމަލާތް ކުރެވޭނެ ކަމަށެވެ.
ރާއްޖެއަށް ޑޮލަރު ލިބުމުގައި ހުރި ދަތިކަމުގެ ސަބަބުން މިދިޔަ އަހަރު ބީއެމްއެލް އިން ވަނީ ޑޮލަރު ލިމިޓް ކޮށްފައެވެ. އެގޮތުން، ފުރަތަމަ ލިމިޓެއްގެ ގޮތުގައި 250 ޑޮލަރު ކަނޑައެޅި އިރު މިދިޔަ ޖުލައި މަހު ވަނީ އެ އަދަދު 500 ޑޮލަރަށް އިތުރުކޮށްފައެވެ.
ކްރެޑިޓް ކާޑުގެ ލިމިޓަށް ބަދަލު ގެނައި ނަމަވެސް ޑެބިޓް ކާޑުގެ އަދަދުތަކަށް ބަދަލެއް ނުގެނެެއެވެ. ބީއެމްއެލްގެ ޕްރައިމަރީ އެކައުންޓުގެ ގޮތުގައި ދިވެހި ރުފިޔާ އެކައުންޓް ބޭނުން ކުރާ ކަސްޓަމަރުންނަށް އަދިވެސް މަހަކު ލިބޭނީ 250ޑޮލަރެވެ. އަދި ރާއްޖޭން ބޭރުގައި އުޅޭ ކަސްޓަމަރުންނަށް ލިބޭނީ 750 ޑޮލަރެވެ.
ނަމަވެސް ބޭސް ފަރުވާއަށާއި ކިޔެވުމުގެ ކަންކަމަށް ލިމިޓު އިތުރު ކޮށްދޭނެއެވެ.
ޕްރައިމަރީ އެކައުންޓުގެ ގޮތުގައި ޑޮލަރު އެކައުންޓު ގެންގުޅޭ ކަސްޓަމަރުންނަށް ޑެބިޓް ކާޑުތަކުން ދުވާލަކު 3000 ޑޮލަރު ބޭނުން ކުރެވޭނެއެވެ.






