މިއަހަރުގެ އޭލެވެލް އިމްތިހާނުގައި ދުނިޔޭގެ 1 ވަނައިގައި އައްޑޫގެ 3 ދަރިވަރެއް ހިމެނިއްޖެއެވެ.
ދުނިޔޭގެ 1 ވަނަ އަށް ދިޔަ ކުދިންގެ ލިސްޓްގައި ރާއްޖޭގެ 8 ކުދިން ހިމެނިފައި ވާއިރު އޭގެ ތެރެއިން 3 ކުދިންނަކީ އައްޑޫ ހައި ސްކޫލް އިން ތައުލީމް ހާސިލް ކޮށްފައިވާ ދަރިވަރުންކަން އެ ސްކޫލުން ވަނީ އުފަލާއި އެކު ފާހަގަ ކޮށްފައެވެ.
އެގޮތުން 2019 ވަނަ އަހަރުގެ މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ބޭއްވެވި ޖަލްސާގައި، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މި 3 ކުދިންނަށް އެވޯޑް އާއި މެޑަލް ހަވާލުކޮށްދެއްވާފަ އެވެ.
2019 ވަނަ އަހަރުގެ މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި އައްޑޫގެ ދަރިވަރުންނަކީ އަހުމަދު ހިޒާމް ހަލީމް، މަރިޔަމް ލަޔާލީ މުހައްމަދު ގެ އިތުރުން މައިހާ ހަސަން އެވެ. މީގެ ތެރެއިން ލަޔާލީ އަދި މައިހާ އެކައުންޓިން އިން 1 ވަނަ ހޯދާފައި ވާއިރު ހިޒާމް ވަނީ ބިޒްނަސް އިން 1 ވަނަ ހޯދާފައެވެ.
މީގެ އިތުރުން ރާއްޖޭއިން އޭލެވެލްގެ ގަދަ 10 އަކަށް ވެސް އައްޑޫ ހައި ސްކޫލްގެ 21 ދަރިވަރަކު ވަނީ ހޮވިފައެވެ.
ރާއްޖޭގެ އެހެން މަޝްހޫރު ބޮޑެތި ސްކޫލް ތަކަށް ގޮންޖަހާލާ އައްޑޫ ހައި ސްކޫލުން ހޯދާފައިވާ ކާމިޔާބީ ފާހަގަ ކޮށް އެ ސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް ނަދީމް ވިދާޅުވީ މި ނަތީޖާ ނެރުމުގައި ސްކޫލް ގެ ޓީޗަރުންގެ އިތުރުން ބެލެނިވެރިން ވެސް ވަރަށް ބުރަ މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. އެގޮތުން އިތުރު ގަޑީގެ ކްލާސްތައް ނެގުމުގައި ހަފްތާ ބަންދުގައިވެސް ޓީޗަރުން މަސައްކަތް ކުރައްވާ ކަމަށާއި ހަމަ އެގޮތަށް ބެލެނިވެރިންގެ އެހީތެރިކަން ވެސް ވަރަށް ފުރިހަމަ އަށް ލިބިފައިވާކަން ނަދީމް ފާހަގަ ކުރެއްވިއެވެ.
ނަދީމް އިތުރަށް ވިދާޅުވީ މީގެ ކުރިންވެސް އައްޑޫ ހައި ސްކޫލްގެ ދަރިވަރުން ދުނިޔޭގެ 1 ވަނާގައި ހިމެނިފައިވާ ކަމަށާއި ނަމަވެސް ކުރީ ފަހަރު ތަކަށް ވުރެ މި އަހަރުގެ ނަތީޖާ ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށެވެ. އަދި މިފަހަރު 1 ވަނައަށް ދިޔަ ގިނަކުދިން މިވަގުތު ރާއްޖެއިން ބޭރުގައި ކިޔަވަން ތިބި ކަމުގައި ވިޔަސް އެކުދިންގެ ކާމިޔާބީ ވަރަށް ކުލަ ގަދަކޮށް އެސްކޫލްއިން ފާހަގަ ކުރާނެ ކަމަށް ނަދީމް ވިދާޅުވިއެވެ.






