ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ލ. ދަނބިދޫ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައިފި އެވެ.
އިއްޔެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިޔަށްދިޔަ މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ ރަށުގެ ތަރައްޤީއަށް މިހާރުން މިހާރަށް ބޭނުންވާ ކަންކަމާއި ގުޅޭގޮތުން ނައިބުރައީސް ފައިޞަލް ނަސީމްއާ މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ކައުންސިލަށް އިދާރާ ހިންގުމަށް އައު އިމާރާތެއް ބޭނުންވެފައިވާކަމާއި ރަށު މިސްކިތުގެ މަރާމާތުގެ މަސައްކަތާއި ކުނި މެނޭޖްކުރުމުގައި ދިމާވެފައިވާ ދަތިތައް ކައުންސިލަރުން ފާހަގަކުރެއްވިއެވެ.
ކައުންސިލަރުން އިތުރަށް ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގެ ސިއްހީ މަރުކަޒުގެ ހިންގުމުގައި ހުރި ދަތިތަކާއި އިންޖީނުގޭގެ މައްސަލަތައް ހައްލުކުރުމާއި ފެނާއި ނަރުދަމާގެ އިތުރުން ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ކުރެވެންހުރި ކަންކަމާއި ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއެކު މަޝްވަރާ ކުރެއްވިއެވެ. އަދި ރަށުގެ ޒުވާނުންނަށް ފުޓްސަލް ދަނޑަކާއި ހުރިހާ އުމުރުފުރައަކަށްވެސް ބޭނުންކުރެވޭނެ އައުޓްޑޯ ޖިމެއްގެ ބޭނުން ޖެހިފައިވާކަމުގައި ކައުންސިލަރުން އެމަނިކުފާނުގެ އަރިހުގައި ދެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމާބެހޭ އެންމެފަހުގެ މަޢުލޫމާތު އެ މެންބަރުންނާއި ހިއްސާކުރައްވާފައެވެ. އަދި ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ވެދެވެންހުރި އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައިވެއެވެ. އަދި ކަމާގުޅޭ އިދާރާތަކާއި ގުޅިގެން އެ މައްސަލަތައް ހައްލުކުރެއްވުމަަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށްވެފައި އެކިއެކި ހިތާމަވެރި ހާދިސާތައް ހިނގަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި އެފަދަ ހިތާމަވެރި ހާދިސާތައް ހިނގިއަނުދިނުމަށްޓަކައި ޤާނޫނުތަކާއި ގަވައިދުތަކަށް ރައްޔިތުން ބޯލެންބުވުމަށް ކައުންސިލްތަކުން މަސައްކަތް ކުރައްވަންވާނެ ކަމުގައި ވިދާޅުވިއެވެ.






