އެއާ ޓްރެފިކް ކޮންޓްރޯލް ސާވިސަސް (އޭޓީސީ) ގެ ކޮންޓްރޯލަރުންގެ ޕެޓިޝަނެއް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް ހުށަހަޅައިފިއެވެ.
މި ޕެޓިޝަނަކީ އޭޓީސީ ހިންގާ ގޮތާ މެދު ހިތްހަމަނުޖެހި އެކަންކަން ހައްލު ކުރުމަށް އެދި ހުށަހެޅު ޕެޓިޝަނެކެވެ.
“ދެކުނު”އަށް އެނގިފައިވާ ގޮތުގައި 50 ކޮންޓްރޯލަރުން ސޮއިކޮށް މި ޕެޓިޝަން ހުށަހެޅީ އިއްޔެއެވެ.
މި ޕެޓިޝަނުގައި ބުނެފައިވާ ގޮތުގައި އެއާ ޓްރެފިކް ކޮންޓްރޯލަރުންނަކީ ޕައިލެޓުންނާއި އިންޖިނިއަރުންނާއި ސީމަނުންނާއި ޑޮކްޓަރުންގެ ގިންތީގައި ހިމެނޭ ބަޔަކަށްވާއިރު މުސާރައާ އެހެން އިނާޔަތްތައް ދިނުމުގައި އެ އުސޫލުތަކަށް އަމަލު ނުކުރާ ކަމަށެވެ. އަދި މުސާރައިގެ ކުރިއެރުން ލިބޭ އޮނިގަނޑެއް އެކުލަވާލައި 2019 ވަނަ އަހަރު ރައީސް އޮފީހަށް ހުށަހެޅި ނަމަވެސް ކޮވިޑް-19އާ ގުޅިގެން އެ މަސައްކަތް މަޑުޖެހިފައިވާ ކަމަށާއި މިއަދާ ހަމައަށް ވެސް އެ އޮނިގަނޑުގެ މަސައްކަތް ނުކުރާކަމަށް ވަނީ ބުނެފައެވެ.
މީގެ އިތުރުން މުވައްޒަފުންނަށް ތަމްރީން ދިނުމުގަ އާއި މަގާމުގެ ކުރިއެރުން ދޭއިރުގައިވެސް މައްސަލަތައް އެބަހުރިކަމަށާއި އެކަންކަން ހައްލު ކޮށްދިނުމަށް އެދި ސަރުކާރާއި ކަމާ ބެހޭ އިދާރާތަކުގައި އެދިފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ އިތުރު ކަންކަން
- އޭޓީސީ ސެކްޓަރުގެ ކެޕޭސިޓީ ބެލިފައި ނުވުމުގެ އިތުތުން އެދެވިގެންވާ ހައްލެއް ލިބިފައި ނުވުން.
- ބަލި ހާލަތު ހުންނަ ގޮތުން ލައިސަންސް ދޫކުރަން ޖެހިއްްޖެ ނަމަ ވަޒީފާގައި ދެމިހުރެވޭނެ ގޮތެއް ކަނޑައަޅާފައި ނެތުން.
- ޖަސްޓް ކަލްޗާގެ ސަބަބުން ސޭފްޓީއާ ގުޅުންހުރި ޝަކުވާތަކާއި މައްސަލަތައް ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓް ކުރަން ކޮންޓްރޯލަރުން ޖެހިލުންވުން.
- ކޮންޓްރޯލަރުން ރިޓަޔާ ކުރުމުން އިނާޔަތްތައް ލިބޭ އުސޫލެއް ކަނޑައެޅުން.






