Close

ހުރިހާ ނަސްލުތަކެއް ހިމެނޭ ސަރުކާރެއް އެކުލަވާލުމަށް ރަޝިޔާއިން ތާލިބާނުންނަށް ގޮވާލައިފި

އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ހުރިހާ ނަސްލުތަކާއި ސިޔާސީ ބާރުތައް ހިމެނޭ ސަރުކާރެއް އެކުލަވާލުމަށް ރަޝިޔާއިން ތާލިބާނުންނަށް ގޮވާލައިފި އެވެ.

މޮސްކޯގައި ބުދަ ދުވަހު ބޭއްވި ކޮންފަރެންސްގައި ޚާރިޖީ ވަޒީރު ސަރްގެއި ލަވްރޯފް ވިދާޅުވީ، އޯގަސްޓް މަހުގެ މެދުތެރޭގައި އަފްޣާނިސްތާނުގެ ވެރިކަމާ ހަވާލުވި ފަހުން އަފްޣާނިސްތާނުގެ ހާލަތު ހަމައަކަށް އެޅުވުމަށް ތާލިބާނުން ކުރަމުންދާ "މަސައްކަތް" ކްރެމްލިންއިން ބަލައިގަންނަ ކަމަށެވެ.

"އާ ސަރުކާރެއް މިހާރު ވަނީ ވެރިކަމުގައި، އަސްކަރީ އަދި ސިޔާސީ މަސްރަހު ހަމައަކަށް އެޅުވުމަށާއި ދައުލަތުގެ މެޝިނަރީގެ މަސައްކަތްތައް ހަމަޖެއްސުމަށް އެބޭފުޅުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް އަޅުގަނޑުމެން ފާހަގަކުރަން." އެއްވުމުގެ ބައިވެރިންނާ މުހާތަބު ކުރައްވާ ލަވްރޯފް ވިދާޅުވި އެވެ.

ނަމަވެސް، އަފްޣާނިސްތާނުގައި ހަމަޖެހުން ޤާއިމުކުރުމަށްޓަކައި، އަފްޣާނިސްތާނުގައި މިހާރު އިދާރީ ހިންގުން "ހުރިހާ ނަސްލެއްގެ، ހުރިހާ ސިޔާސީ ބާރުތަކެއްގެ މަޞްލަޙަތު ދައްކުވައިދޭ" އިދާރީ ވެރިކަމެއް އެކުލަވައިލުމަށް އެ ޖަމާޢަތުން އެދިވަޑައިގެންނެވިއެވެ.

މި ކޮންފަރެންސްގައި ޗައިނާ އާއި ޕާކިސްތާން ހިމެނޭ ގޮތަށް 10 ގައުމެއްގެ އޮފިޝަލުން ބައިވެރިވެ އެވެ. މީގެ އިތުރުން އިންޑިއާ، އީރާން، ކަޒަކިސްތާން، ކިރްގިސްތާން، ތަޖިކިސްތާން، ތުރުކުމެނިސްތާން އަދި އުޒްބެކިސްތާނުގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ.

މި މަޝްވަރާތަކަކީ އަފްޣާނިސްތާނުގެ ކޮންޓްރޯލް ތާލިބާނުން ގެ ބާރުގެ ދަށަށް ގެންދިޔަ ފަހުން ބާއްވާ ބައިނަލްއަގްވާމީ އެންމެ މުހިންމު އެއް ބައްދަލުވުމާއި މޮސްކޯގެ ބާރު ގަދަކުރުމުގެ ގޮތުން ބާއްވާ މަޝްވަރާބައްދަލުވުންތަކެވެ.

ލަވްރޯފް ވިދާޅުވީ މޮސްކޯއިން މި ކޮންފަރެންސްގައި އެމެރިކާ ނެތުމުން ހިތާމަކުރާ ކަމަށެވެ. ވޮޝިންޓަން އިން ކުރިން ބުނީ ޓެކްނިކަލް ސަބަބުތަކާ ހުރެ މި ބުރުގައި ބައިވެރި ނުވާނެ ކަމަށާއި ނަމަވެސް ކުރިއަށް އޮތް މަޝްވަރާތަކުގައި ބައިވެރިވުމަށް ރާވާފައިވާ ކަމަށެވެ.

ތާލިބާނުންގެ ވަފުދުގައި އިސްކޮށް ހުންނެވީ އަފްޣާނިސްތާނުގެ އާ ލީޑާޝިޕްގެ އިސް ބޭފުޅެއް ކަމަށްވާ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަބްދުއްސަލާމް ހަނަފީ އެވެ. އަބްދުލް ވިދާޅުވީ އެ ބައްދަލުވުމަކީ "މުޅި ސަރަހައްދުގެ ހަމަޖެހުމަށް ވަރަށް މުހިންމު ބައްދަލުވުމެއް" ކަމަށެވެ.

މި މަޝްވަރާތައް މިއައީ، އިންސާނީ އަދި އިގުތިސޯދީ ކާރިސާއެއް މިހާރު ކުރިމަތިވެފައިވާ އަފްޣާނިސްތާނަށް އެހީ ފޯރުކޮށްދިނުމަށް ރަޝިޔާ، ޗައިނާ އަދި ޕާކިސްތާނުން ތައްޔާރަށް އޮތް ކަމަށް މޮސްކޯއިން އަންގާރަ ދުވަހު ބުނެފައި ވަނިކޮށެވެ.

ލަވްރޯފް ވިދާޅުވީ ރަޝިޔާއިން ވަރަށް އަވަހަށް އިންސާނީ އެހީ ފޮނުވާނެ ކަމަށާއި އިންސާނީ ކާރިސާއެއް ހުއްޓުވުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ވަސީލަތްތައް ޖަމާކުރުމަށް ޑިމާންޑް ކުރައްވާ ކަމަށެވެ.

ސަމާލުވާން ވީ ވިސްނުމެއް ގެންގުޅެމުން މޮސްކޯއިންވެސް ވަނީ ތާލިބާން ސަރުކާރު ބަލައިގަތުމަށް އަދި ތައްޔާރަށް ނުވާކަން ހާމަކޮށްދީފައެވެ.

ލަވްރޯފް ވިދާޅުވީ، ކްރެމްލިންއިން ތާލިބާނުންގެ ކިބައިން ބަލައިގަތުން ހިފަހައްޓަމުން ދަނީ، އާ ސަރުކާރުގެ ސިޔާސީ އަދި ނަސްލީ އިންކްލޫސިވިޓީ ވެސް ހިމެނޭ ގޮތަށް، އެ ޖަމާއަތުން ވެރިކަމާ ހަވާލުވިއިރު ވެފައިވާ ވައުދުތައް ފުއްދުމުގެ އިންތިޒާރުގައި ކަމަށެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި ރަޝިއާގައި "ޓެރަރިސްޓް" ޖަމާއަތެއްގެ ގޮތުގައި އަދިވެސް މަނާކޮށްފައިވާ ތާލިބާނުން ދަނީ އަންހެނުންނާއި މައިނޯރިޓީގެ ހައްގުތައް ރައްކާތެރިކުރުމަށް ވެފައިވާ ވައުދުތަކަށް ފަހަތަށް ޖެހެމުންނެވެ. އޮބްޒާވަރުން ބުނާ ގޮތުގައި އެ ޖަމާއަތުން ދަނީ ފާޅުގައި މިކަން ބޭރުކޮށް، އެ ޖަމާއަތުގެ ދެކޮޅުވެރިންގެ މައްޗަށް ވެސް އަނިޔާ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top