ސ. ހުޅުމީދޫ ބަހާއުއްދީން މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވެސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އޭޕްރީލް 2019 ގައި އެ ކުންފުންޏާ ހަވާލު ކުރި މި މަޝްރޫއުގެ މަސައްކަތް ނިމުނީ މި މަހުގެ 15ގައެވެ.
މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރްކްޗާގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ހިންގި މި މަޝްރޫއަކީ 41.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން 2.2 ކިލޯމީޓަރުގެ ދިގު 8.8 މީޓަރު ފުޅާ މިމަގުގައި ތާރުއެޅުމުގެ މަސައްކަތް ކޮށްފައި ވާއިރު، 6060 އަކަމީޓަރުގެ ހިނގާ ސަރަޙައްދެއް ގާއިމުކުރުމާއި، ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި، ކޭބަލް ޖަންކްޝަން ވަޅުލުމުގެ މަސައްކަތް ކޮށްފައިވެއެވެ. އަދި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، ސްޕީޑް ބްރޭކަރު ހަރުކުރުމާއި، ކަފިހިހުރަސް ފާހަގަ ކުރުމުގެ މަސައްކަތް ހިމެނެއެވެ.
އެމްޓީސީސީން މި އަހަރުގެ މިހާތަނަށް 17 މަޝްރޫއެއްގެ މަސައްކަތް ވަނީ ނިންމާފައެވެ.






