ފްލައިޓް ޓްރޭނިން ސްކޫލް ހިންގަން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ތަން ދޭން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ގަމުގައި ބޭއްވި ރަސްމިއްޔާތުގައި، ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައު އައިލަންޑް އޭވިއޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މޭނެޖިން ޑިރެކްޓަރު މުހައްމަދު މިހާދެވެ. އަދި އައްޑޫ އިންޓަނޭޝަލް އެއާޕޯޓުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރެވެ.
މި އެއްބަސްވުމުގައި ދަށުން އައްޑޫ އެއާޕޯޓުގައި ހުރި ހެނގަރާއި އޮފީސް އިމާރާތެއް ފްލައިން ސްކޫލްގެ ބޭނުމަށް ކުއްޔަށް ދޫކުރާނެއެވެ.
އައިލެންޑް އޭވިއޭޝަނާއި ގައުމީ ޔުނިވާސިޓީ ޖޮއިންޓް ވެންޗާއެއްގެ ދަށުން ހިންގާ ފްލައިން ސްކޫލްގެ ކިޔެވުން މިއަހަރު ފަހުކޮޅު ފަށަން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ސްކޫލަށް ކުދިން ވެއްދުމުގައި އެކި ސަބަބުތަކާހެދި ޕައިލެޓް ޓްރޭނިންގް މެދުކެނޑުނު ދަރިވަރުންނަށް އިސްކަންދޭ ގޮތަށް ސަރުކާރުންވަނީ ހަމަޖައްސާފައެވެ.
ޕައިލެޓުން ތަމްރީނުކުރުމުގެ އިތުރުން އޭވިއޭޝަން ދާއިރާގެ އެހެނިހެން ތަމްރީންތައްވެސް މި ސްކޫލުގައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ.






