ކްރެޑިޓް ރޭޓިން ކުންފުނި، ފިޗުން ރާއްޖެއަށް ދިން ރޭޓިން މަތިކޮށްފި އެވެ.
އެ ކުންފުނިން ވަނީ ރާއްޖޭގެ ރޭޓިން "ސީސީސީ" އިން ބީ މައިނަސްއަށް މަތިކޮށްފައެވެ. ފިޗުން މި ރޭޓިން ބަދަލު ކުރީ އެ ކުންފުނިން ހީކުރިވަރަށްވުރެ އަވަހަށް ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވަމުން ދިއުމާ ގުޅިގެން އިގްތިސާދު ރަނގަޅުވަމުން ދާތީއެވެ.
ރާއްޖެއަށް ބޭރު ފައިސާ ހޯދަން ދަތިވިނަމަވެސް މިއަހަރު ވިއްކި ސުކޫކާ ގުޅިގެން ބޭރުގެ ދަރަނިތައް ދެއްކޭނެ ކަމަށް ފިޗުން ބުނެފައެވެ.
އެ ކުންފުނިން ބުނިގޮތުގައި މި އަހަރުގެ މިހާތަނަށް ފަތުރުވެރިކަމުގެ 70 އިންސައްތަ ވަނީ ރިކަވާވެފައެވެ. އަންނަ އަހަރު ނިމޭއިރު 80 އިންސައްތަ އަދި 2023 ގެ ނިޔަލަށް 100 އިންސައްތަ ރިކަވާ ވާނެ ކަމަށް ފިޗުން ބުންޏެވެ.
މީގެ އިތުރުން މި އަހަރު ރާއްޖޭގެ އިގްތިސާދު އުފެއްދުންތެރިކަމުގެ ނިސްބަތުން 29.4 ޕަސެންޓަށް އިތުރުވާނެ ކަމަށް ވެސް ފިޗުން ވަނީ ލަފާ ކޮށްފަ އެވެ. އަދި އަންނަ އަހަރު 10 ޕަސެންޓަށް އިތުރުވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.






