މިއަހަރުގެ ތިންވަނަ ކުއާޓާގައި އެސްޓީއޯއަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 14 އިންސައްތައިގެ ކުރިއެރުމެކެވެ.
އެސްޓީއޯއިން ކުއާޓާލީ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ނިމުނު ކުއާޓާގައި އެ ކުންފުނީގެ އާމްދަނީ އިތުރުވީ އެ ކުންފުނިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު، އަށް އިންސައްތަ އިތުރުވުމުންނެވެ. އެ ކުންފުނިން ކުރަމުން ގެންދާ އެހެނިހެން ވިޔަފާރިތައް ކުރިއަރާ އެ ވިޔަފާރިތަކުން ލިބުނު އާމްދަނީ ވެސް އިތުރުވި ކަމަށް އެސްޓީއޯއިން ބުންޏެވެ.
މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު މިއަހަރުގެ ތިން ވަނަ ކުއާޓާގައިި އެސްޓީއޯއަށް ލިބުނު ފައިދާ ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރުގެ ތިންވަނަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް 100.26 މިލިއަން ރުފިޔާ ލިބުނު އިރު މި އަހަރު ލިބުނީ 128.7 މިލިއަން ރުފިޔާއެވެ.
އެސްޓީއޯއިން ވަނީ ކޮވިޑް-19ގެ ހާލަތުގައި ވެސް ކުންފުނީގެ މާލީ ނަތީޖާ ރަނގަޅު ކުރުމަށް މުވައްޒަފުން ކުރި މަސައްކަތް ފާހަގަކޮށް ޝުކުރު އަދާ ކޮށްފައެވެ.






